ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ހިއްސާގެ ބައެއް އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވާ ރޭވުންތަކާ ދެކޮޅުހެދުމުގެ ގޮތުން، ޔޫރަޕުގެ ބާރުގަދަ ފުޓްބޯޅަ ޤައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)އިން މިހާރު ދަނީ މި މައްސަލައިގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އިންފަންޓީނޯގެ އަމާޒަކީ "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ ނަމުގައި 20ބިލިއަން ޑޮލަރުގެ ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، އޭގެ ތެރެއިން 20އިންސައްތައަށްވުރެ ބޮޑު ބައެއް 4.2ބިލިއަން ޑޮލަރަށް ބޭރުގެ އިންވެސްޓަރުންނަށް ދޫކޮށްލުމެވެ. އެމެރިކާގައި ދާދި ފަހުން 2026ގެ ވޯލްޑް ކަޕާ ގުޅޭގޮތުން ބޭއްވި ބައްދަލުވުންތަކުގައި ވެސް ފީފާއިން މިކަން ސިއްރުކޮށްފައި އޮތުމުން ޔުއެފާގެ މެމްބަރު ޤައުމުތަކުގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ޔުއެފާއިން ނެރުނު ބަޔާނެއްގައި ސިފަކޮށްފައިވާ ގޮތުގައި ފީފާ ވިޔަފާރި ކުންފުންޏަކަށް ބަދަލުކުރުމަކީ ފާސްކޮށްގެންވާނެ "ރަތް ރޮނގެއް"ނޫނެވެ. ފުޓްބޯޅައަކީ ގަނެވިއްކާ މުދަލެއް ނޫންކަން ފާހަގަކޮށް، އިންފަންޓީނޯ މި ވިސްނުން ދޫކޮށްނުލައްވައިފި ނަމަ، އަންނަ އަހަރު ބްރެޒިލްގައި އޮންނަ އަންހެނުންގެ ވޯލްޑް ކަޕުން ފެށިގެން މުބާރާތްތަކުގައި ޔޫރަޕުން ބައިވެރިނުވާނެކަމުގެ އިންޒާރު ދިނުމަށް އެ ޤައުމުތަކުން ތިބީ ތައްޔާރަށެވެ. މި ނިންމުމަށް ތާއީދުކުރައްވައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވެސް ވަނީ، ފުޓްބޯޅަ ނިސްބަތްވަނީ ސަޕޯޓަރުންނަށް ކަމަށާއި އެއީ އިންވެސްޓަރުންގެ މިލްކެއް ނޫންކަމަށް ވިދާޅުވެފައެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އިންފަންޓީނޯ ވިދާޅުވަނީ، މިއީ ޤައުމުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށާއި ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އިންވެސްޓްމަންޓް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާއިލާއާ ގާތްގުޅުމެއް އޮންނަ، ޖެރެޑް ކުޝްނަރގެ ކޮއްކޮ ޖޯޝް ކުޝްނަރ ހިންގަވާ ތުރައިވް އިޓާނަލް ގްރޫޕުންނެވެ.
މީގެ ކުރިން 2021ވަނަ އަހަރު، ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވަން ފީފާއިން ކުރި މަސައްކަތް ވެސް ހުއްޓުވީ ޔުއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން އިސްވެ ހުންނަވައިގެންނެވެ. ދުނިޔޭގެ އެހެން ބައްރުތަކުގެ ތާއީދު އިންފަންޓީނޯއަށް އޮތް ނަމަވެސް، ޔޫރަޕުގެ ނުފޫޒު ގަދަ ޤައުމުތަކާ ނުލައި ވޯލްޑް ކަޕެއް ބޭއްވުމަކީ ފީފާއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށް ވާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.