އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިހާރު ކުރިއަށްދާ 22ވަނަ ކޮމަންވެލްތު ޓޭބަލް ޓެނިސް (ޓީޓީ)ޗެމްޕިއަންޝިޕްގައި ތަފާތު މޮޅު ކުޅުމެއް ދެއްކުމަށް ފަހު، ރާއްޖޭގެ ޤައުމީ އަންހެން ޓީމުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ދިއްލީގެ ތިޔަގްރާޖް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލާއިރު، ދިވެހި އަންހެން ޓީމުން ވަނީ ޖުމްލަ ތިން މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ޖެހިގެން އައި މެޗުގައި ނޮދަން އަޔަލެންޑްގެ މައްޗަށް ރާއްޖެއިން ވަނީ ތިނެއް އެކެއްގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އަދި އޭގެ ފަހުން ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، ދިވެހި ކުޅުންތެރިން ވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ފަހިކޮށްފައެވެ. އަންހެން ޓީމަށް މި ކާމިޔާބީ ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރީ ފާތިމަތު ދީމާ ޢަލީއާއި، އާއިޝަތު ރަފާ ނާޒިމްގެ އިތުރުން މިޝްކާ މުޙައްމަދު އިބްރާހީމެވެ.
މީގެ އިތުރުން، މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމުން ވެސް ވަނީ ފުރަތަމަ މެޗުގައި ނެމީބިއާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައި، ފެށުން ރަނގަޅުކޮށްފައެވެ. ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުޙައްމަދު ޝައްފާން އިސްމާޢީލާއި، މޫސާ މުންސިފް އަޙްމަދުގެ އިތުރުން އަޚްޔާރު އަޙްމަދު ޚާލިދެވެ.
އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަނާއި ދިއްލީ ސަރުކާރު ގުޅިގެން އިންތިޒާމުކުރާ މި މުބާރާތުގައި ދުނިޔޭގެ 35 ޤައުމަކުން އެތުލީޓުން ބައިވެރިވާއިރު، ޓީމު އިވެންޓްތަކުގެ އިތުރުން، ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓަގަރީތަކުގެ ކުޅުން ވެސް ދެ ޑިވިޝަނަކަށް ބަހާލައިގެން މި ޗެމްޕިއަންޝިޕްގައި ކުރިއަށްދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.