ރަޝިއާއާއި ޔޫކްރެއިން ހަނގުރާމައިގެ ދަނޑިވަޅެއްގައި ރަޝިއާގެ ބެޓިން ކުންފުންޏަކާ އެކު އޮތް ވިޔަފާރީގެ ގުޅުމަކަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން، އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ހޯދުމަށް ކުރިއަށްގެންދާ ރޭހުން އެ ގައުމުގެ ލެޖެންޑް އަންދްރެއާ ޕިރްލޯ ބޭރުކޮށްފިއެވެ.
ޖެނާރޯ ގަޓޫސޯގެ ބަދަލުގައި އެ މަގާމަށް ޕެޕް ގާޑިއޯލާ ގެންނަން އުޅެ އެކަން ކާމިޔާބުނުވުމުން، ދެން އެންމެ ބޮޑަށް ބެލެވުނީ އުމުރުން 47އަހަރުގެ ޕިރްލޯ އެ ޓީމާ ހަވާލުވާނެ ކަމަށެވެ. އެހެންނަމަވެސް، ރަޝިއާގެ ބުކްމޭކަރެއް ކަމަށްވާ "ފޮންބެޓް"ގެ ބައިނަލްއަގުވާމީ އެމްބެސެޑަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވާތީ، އިޓަލީގެ ސިޔާސީ ފަރާތްތަކާއި ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިން ވަނީ އޭނާއަށް އެ މަގާމު ދިނުމާ ކަނޑައެޅިގެން ދެކޮޅުހަދާފައެވެ.
މި ކަމާ ގުޅިގެން އިންސްޓަގްރާމް މެދުވެރިކޮށް ޕިރްލޯ ބުނެފައި ވަނީ، ގައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތު އޭނާއަށް މިހާރު ބަންދުވެފައިވާކަން އިއްޔެގެ ވަގުތެއްގައި އަންގާފައިވާ ކަމަށެވެ. އަދި އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުން ދިފާއުވަމުން ޕިރްލޯ ބުނީ، އޭނާގެ ކޯޗިން އަދި ކުޅިވަރުގެ ހަޔާތުގައި ވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި، ފޮންބެޓާ އެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހެދި އެއްބަސްވުމަކީ ހުސް ވިޔަފާރީގެ ބޭނުމެއްގައި ކުރި ކަމެއް ކަމަށެވެ. އެ ކަމުގައި އެއްވެސް ސިޔާސީ މަގުސަދެއް ނުވާނެކަމަށް ވެސް މިހާރު ދުބާއީގެ ޔުނައިޓެޑް އެފްސީއަށް އިރުޝާދުދެމުން އަންނަ ކޯޗު ފާހަގަކުރިއެވެ.
ޕިރްލޯއަށް ފާޑުކިޔުންތައް އިތުރަށް އަމާޒުވީ، ރަޝިއާގެ ވެރިރަށް މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ބޭއްވި ހަރަކާތެއްގައި އިޓަލީގެ ކުރީގެ ޑިފެންޑަރު މާކޯ މަޓެރާޒީއާ އެކު އޭނާ ބައިވެރިވި ހިސާބުންނެވެ. މި މައްސަލައިގައި އިޓަލީގައި ހުންނަވާ ރަޝިއާގެ ސަފީރު އެލެކްސީ ޕަރަމޮނޯވް ވަނީ، އިޓަލީއަށް އެތައް ރީތި ނަމެއް ހޯދައިދީފައިވާ ލެޖެންޑަކާ މެދު އެ ގައުމުން އެފަދަ އިހާނެތި ގޮތަކަށް އަމަލުކުރުމުން އެކަމާ ހިތާމަކުރައްވައި ޕިރްލޯއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ ދާދި ފަހުން ހަވާލުވި ޕައޮލޯ މަލްޑިނީއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ވިދިވިދިގެން ތިން ވޯލްޑް ކަޕުން ޖާގަ ގެއްލިފައިވާ އިޓަލީގެ ޓީމު 2030ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިކޮށްދެވޭ ފެންވަރުގެ އާ ކޯޗަކު ހޯދުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.