ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ވިނީސިއުސް ޖޫނިއާ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލުން ސީރިއަސްކަމާ އެކު ޝައުގުވެރިކަން ފާޅުކުރުމުން، ރެއާލް މެޑްރިޑް ބޮޑު ސަމާލުކަމަކަށް އަތުވެއްޖެއެވެ.
އުމުރުން 26އަހަރުގެ ވިނީސިއުސް ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ މިހާރު ކުރިމަތިލަނީ ކޮންޓްރެކްޓްގެ ފަހު އަހަރާއެވެ.
ރެއާލްގައި ވިނީސިއުސް ބެހެއްޓުމަށް ޓަކައި އޭނާގެ އެޖެންޓުންނާ އެކު އެ ކްލަބުން އެއް އަހަރު ދުވަހުގެ މަޝްވަރާތަކެއް ކުރި ނަމަވެސް، އެއްބަސްވުން އާކުރެވޭ ގޮތް ވަނީ ނުވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ވިނީސިއުސް ކޮންޓްރެކްޓް އާކުރަން ބޭނުންނުވަނީ މުސާރައިގެ މައްސަލައިގައެވެ. އޭނާގެ އެޖެންޓުން ޑިމާންޑް ކުރަނީ ކިލިއަން އެމްބާޕޭ އަށް ލިބޭ ފަދައިން، ޓެކްސް ކެނޑުމަށް ފަހު އަހަރަކު ސާފު 30މިލިއަން ޔޫރޯގެ މުސާރައެއް ވިނީސިއުސްއަށް ވެސް ދިނުމަށެވެ. ނަމަވެސް، ރެއާލުން އެވަރުގެ ބޮޑު މުސާރައެއް އިތުރު ކުޅުންތެރިޔަކަށް ދޭން ބޭނުމެއް ނުވެއެވެ.
ދި އެތުލެޓިކް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާސެނަލުން ދަނީ ވިނީސިއުސް ހޯދުމަށް ރެއާލް މެޑްރިޑަށް ބޮޑު ހުށަހެޅުމެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. މި ވަގުތު ރެއާލަށް އޮތް އެންމެ ބޮޑު ބިރަކީ، އާސެނަލްގެ ބިޑަށް މިހާރު ދެކޮޅު ހަދައިފި ނަމަ، އެއްބަސްވުން ހަމަވުމުން އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި އޭނާ އާސެނަލަށް ބަދަލުވުމުގެ ފުރުސަތު އޮތުމެވެ. ކްލަބުގެ ވިޔަފާރި މޮޑެލްއަށް ބަރޯސާވާ ރެއާލުން، އެންމެ މޮޅު ކުޅުން ދައްކާ އުމުރުގައި ހުރި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކު އެއްވެސް އަގަކާ ނުލައި ދޫކޮށްލުމަކީ އެ ކްލަބުގެ ސަގާފަތާ ހިލާފު ކަމެކެވެ.
މި ހާލަތާ ގުޅިގެން ރެއާލުން މިހާރު ވަނީ ބަދަލުގައި އެހެން ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް ފަށާފައެވެ. ސްޕެއިންގެ މާކާ ނޫހުން ބުނާގޮތުގައި، ރެޑްބުލް ލައިޕްޒިގަށް ކުޅޭ އައިވަރީ ކޯސްޓްގެ ހަލުވި ފޯވާޑް ޔާން ޑިއޮމާންޑޭ ހޯދުމަށް ރެއާލުން ދަނީ މަޝްވަރާ ކުރަމުންނެވެ. މި ޓްރާންސްފާ މާކެޓުގައި އާސެނަލަށް ވިނީސިއުސް ވިއްކާލަން ޖެހިއްޖެ ހާލަތެއްގައި، ޑިއޮމާންޑޭ ގަތުމަށް 100މިލިއަން ޔޫރޯ ހުށަހަޅަން ރެއާލުން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޑިއޮމާންޑޭއާއި ވިނީސިއުސްގެ އެޖެންޓުންނަކީ ވެސް ރޮކް ނޭޝަން އޭޖެންސީއަށް ނިސްބަތްވާ ފަރާތްތަކެކެވެ. މި މައްސަލައިގައި އަދި އެއްވެސް ފަރާތަކުން ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް، ރެއާލް މެޑްރިޑްގައި ވިނީސިއުސްގެ ކުރިމަގާ މެދު މިހާރު ވަނީ ބޮޑު ސުވާލުތަކެއް އުފެދިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.