ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސަރަހައްދީ އެސޯސިއޭޝަންތައް ހިންގޭނެކަން ޔަގީން: ތާރިޤް

ޝެއާ ކުރޭ Facebook Telegram Viber X

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ފެޑަރޭޝަނަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް އުފައްދާ ސަރަހައްދީ އެސޯސިއޭޝަންތައް ހިންގުމުގެ މާލީ ކަންކަން، ފީފާއާއި ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އެ އިދާރާގެ ރައީސް އަޙްމަދު ތާރިޤް ހޮނިހިރު ދުވަހުގެ ރޭ ދެއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރީޖަނަލް އެސޯސިއޭޝަންތައް ގާއިމުކުރުމަށް ފާސްކޮށްފައެވެ. މި ނިންމުމާ އެކު، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ފުޓުބޯޅައިގެ ހަރަކާތްތައް ލާމަރުކަޒު ކުރުމުގެ މަގު މިވަނީ ތަނަވަސްވެފައެވެ.

އެފްއޭއެމުން ރާވައިފައިވާ ގޮތުން މި އިދާރާތައް ބައްޓަންކުރާނީ މިހާރު ވެސް މުބާރާތްތައް ކުޅެމުން އަންނަ ފޯމެޓަށެވެ. އެގޮތުން އުތުރުގެ ހަތް އަތޮޅު (ހއ، ހދ، ށ، ނ، ރ، ބ، ޅ)އެއް ރީޖަނެއްގައި ހިމެނޭއިރު، މެދުތެރޭގެ އަތޮޅުތައް (ކ، އއ، އދ، ވ، މ، ފ، ދ)ވަނީ ސެންޓްރަލް ރީޖަންގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ސައުތު ރީޖަންގައި ހިމެނެނީ ތ، ލ، ގއ، ގދ ގެ އިތުރުން ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ.

ކޮންގްރެސް ނިންމާލުމަށް ފަހު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ތާރިޤް ފާހަގަކުރެއްވި ގޮތުގައި، އެފްއޭއެމްގެ އާމްދަނީ ބޮޑަށް ބިނާވެފައި އޮންނަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ފޯރުކޮށްދޭ ބަޖެޓަށެވެ. އޭގެ އިތުރުން އޭއެފްސީ، ސަރުކާރު އަދި ސްޕޮންސަރުންގެ އަތުން ލިބޭ ފައިސާ، އަތޮޅުތެރޭގެ ފުޓުބޯޅަ އިދާރާތައް ހިންގުމަށް ހޭދަކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ކުޅިވަރު ލާމަރުކަޒު ކުރުމަކީ ގާނޫނީ ގޮތުން ވެސް ސަރުކާރަށް ލާޒިމުކަމަކަށް ވުމާ އެކު، ސަރަހައްދީ އޮފީސްތައް ބިނާކުރުމަށް ފުރަތަމަކޮޅު ހިލޭ ބިން ލިބުމާއި، އެ ތަންތަނުގެ ޖެނެރަލް ސެކްރެޓަރީންގެ މުސާރަ ދައުލަތުން ހަމަޖައްސަވައިދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ތާރިޤް ވިދާޅުވިއެވެ.

މި ބަދަލާއެކު ސަރަހައްދީ އެސޯސިއޭޝަންތައް ފުރިހަމައަށް ފައިމައްޗަށް ތެދުވަންދެން މާލީ ގޮތުންނާއި ފަންނީ ގޮތުން، އަދި މީހުން ބިނާކުރުމުގެ ރޮނގުން އެފްއޭއެމްގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެއެވެ. ތާރިޤް ވިދާޅުވި ގޮތުގައި މައިގަނޑު އަމާޒަކީ ކުރިމަގުގައި އެ އިދާރާތަކުން އަމިއްލައަށް ފުޓުބޯޅަ މުބާރާތްތައް އިންތިޒާމުކޮށް ހިންގޭނެ ފެންވަރަށް ގާބިލުކަން އިތުރުކުރުމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު