ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ކުރިން އޮތް ހަރުދަނާ ފެންވަރަށް ގެންދިއުމުގެ މަގުސަދުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އުފައްދަން މަސައްކަތްކުރާ ސަރަހައްދީ އެސޯސިއޭޝަންތަކާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް، އެ އިދާރާގެ ޚާއްސަ ކޮންގްރެސްއެއް މިރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
އެފްއޭއެމްގެ އޮނިގަނޑަށް ގެންނަ އިންގިލާބީ ބަދަލުގެ ދަށުން މުޅި ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން މުޅިން އާ ހަތަރު އިދާރާއެއް އުފެއްދުމަށް ވަނީ ރާވާފައެވެ. އެއީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަނެވެ. މިކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ހިނގަމުންމިދާ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީގެ 14ވަނަ ބައްދަލުވުމުގައެވެ.
މިހާރު ވެސް ޒޯންތަކަށް ބަހާލައިގެން ކޮލިފައިން މުބާރާތްތައް ކުޅެ، މައި ލީގަށް ޓީމުތައް ހޮވަމުންދާއިރު، އަލަށް އުފެދޭ އިދާރާތަކާ އެކު ސަރަހައްދީ ފެންވަރުގައި ބާއްވާ ހުރިހާ މުބާރާތްތަކެއް ރާވައި ހިންގުމުގެ ފުރިހަމަ ބާރު އެ އެސޯސިއޭޝަންތަކަށް ލިބިގެންދާނެއެވެ. މާނައަކީ، އެ ސަރަހައްދެއްގެ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކެއް މެނޭޖުކުރާނީ ސީދާ އެ ސަރަހައްދެއްގެ އެސޯސިއޭޝަނުންނެވެ.
މި ބަދަލާ އެކު އެފްއޭއެމްގެ ދައުރު ބަދަލުވެގެންދާނީ ގައުމީ ފެޑެރޭޝަނެއްގެ ގޮތުގައެވެ. އެއާއެކު މައި އިދާރާގެ އެންމެ އިސް ވާޖިބަކަށް ވެގެންދާނީ ގައުމީ ޓީމުތަކުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި، މުޅި ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަން މޮނިޓަރކޮށް އެކުޅިވަރާ ގުޅޭ އެންމެ މުހިންމު ސިޔާސަތުތައް އެކުލަވާލުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.