ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިޓަލީ ކޯޗަކަށް ޕިރްލޯ ހަމަޖައްސައިފި

ޝެއާ ކުރޭ Facebook Telegram Viber X

ވިދިވިދިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ނުލިބުމާ ގުޅިގެން ކޯޗުގެ މަގާމު ހުސްވެފައިވާ އިޓަލީގެ ގައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދިނުމަށް، އެ ގައުމުގެ ކުރީގެ ތަރި އަންދްރެއާ ޕިރްލޯއާ އެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމައިފި ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އުމުރުން 47އަހަރުގެ ޕިރްލޯއަކީ ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ކުޅުންތެރިއެއްގެ ގޮތުގައި 2006ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އުފުލާލުމުގެ އިތުރުން، އޭނާ ވަނީ ޔުވެންޓަސް، އޭސީ މިލާން އަދި އިންޓަ މިލާނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މި ވަގުތު އެކުވެރި އަރަބި އިމާރާތުގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދުބާއީ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ޕިރްލޯ ވަނީ، 2020ވަނަ އަހަރުގެ ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވެ، އެ ކުލަބަށް ކޮޕާ އިޓާލިއާ އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްދީފައެވެ.

އިޓަލީގެ ކޯޗުކަމާ ޕިރްލޯ ހަވާލުވާން އެއްބަސްވެފައި މި ވަނީ، މެންޗެސްޓަރ ސިޓީ އަދި ބާސެލޯނާއަށް ކުރިން އިރުޝާދުދިން މޮޅު ކޯޗު ޕެޕް ގާޑިއޯލާ އެ މަގާމުގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައިވާ ދަނޑިވަޅެއްގައެވެ. އުމުރުން 55އަހަރުގެ ގާޑިއޯލާ، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޖިއޮވާނީ މަލަގޯއާ މަޝްވަރާކުރި ނަމަވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މީގެ ކުރިން މަލަގޯ ވަނީ ގާޑިއޯލާ ފަދަ މަތީ ފެންވަރުގެ ކޯޗަކު ގެނައުމަށް މާލީ ގޮތުން ލުއި ގޮތްތަކެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ ވަކިވުމާ އެކު، އައު ކޯޗެއް ހޯދުމަށް އެ ގައުމުގެ ފެޑެރޭޝަނުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ގާޑިއޯލާ ގެނައުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ކުރިން، ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީއަށް ވެސް އެ ފެޑެރޭޝަނުން ވަނީ ފާރަލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު