އިޓަލީގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޕެޕް ގާޑިއޯލާ ގެނައުމަށް މަސައްކަތް ފެށުމުގެ ކުރިން، އެ ފުރުސަތު ކާލޯ އަންޗެލޮޓީއަށް ދީފައިވާނެކަމަށް އިޓަލީގެ ޓެކްނިކަލް ޑައިރެކްޓަރު ޕައުލޯ މަލްޑިނީ މިއަދު ހާމަކޮށްފިއެވެ.
މަލްޑިނީއާ އެކު އޭސީ މިލާނުގައި ކުރިން ކުޅުނު އަންޗެލޮޓީ މިވަގުތު ހުރީ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމުގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން މަލްޑިނީ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ގޮތުގައި ފާހަގަކުރެވޭ ފަރާތްތަކާ ވާހަކަދެއްކުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ދެކޭ ކަމަށެވެ. ބްރެޒިލް ޓީމު މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގައި ނޯވޭ އަތުން ބަލިވެ ކަޓާފައިވީ ނަމަވެސް، އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ އަންޗެލޮޓީ އެ މަގާމުގައި ދެމިހުންނާނެކަން ޔަގީންކޮށްދީފައެވެ.
އިޓަލީން އައު ކޯޗަކު ހޯދުމުގެ މަސައްކަތް ފަށާފައި މި ވަނީ، ވިދިވިދިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ނުލިބުމުގެ ސަބަބުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖެނާރޯ ގަޓޫސޯ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މަލްޑިނީ ފާހަގަކުރި ގޮތުގައި، އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަންގެ އަމާޒަކީ މި ހަފުތާގެ ތެރޭގައި އައު ކޯޗެއް ހަމަޖެއްސުމެވެ. ނަމަވެސް، އަވަސްއަރައިގަތުމަށް ވުރެ ބޮޑަށް އިސްކަންދެނީ އެންމެ ގާބިލު ފަރާތެއް ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.
އިޓަލީގެ މީޑިއާތަކުން ބުނާގޮތުގައި ގާޑިއޯލާ ބޭނުން ވަނީ އަހަރަކު 20މިލިއަން ޔޫރޯ (22.8މިލިއަން ޑޮލަރު)ގެ މުސާރައެކެވެ. މިއީ އިޓަލީން ހުށަހަޅާ މިންވަރާ އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ. މިކަމާ ގުޅޭގޮތުން މަލްޑިނީ ވަކި އެއްޗެއް ބުނަން ބޭނުން ނުވިއިރު، މެންޗެސްޓަރ ސިޓީގައި ކާމިޔާބު 10އަހަރު ހޭދަކުރުމަށް ފަހު މިދިޔަ މެއި މަހު މަގާމުން ވަކިވެފައިވާ ގާޑިއޯލާ ބޭނުން ވަނީ އޭނާގެ އާއިލާއާއެކު ބާސެލޯނާގައި ވަގުތު ހޭދަކުރުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ސިޓީގައި އޭނާ ވަނީ ޕްރިމިއަރ ލީގުގެ ހަ ތަށްޓާއި، ޗެމްޕިއަންސް ލީގުގެ އިތުރުން ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.
އިޓަލީގެ އެފްއޭގެ އައު ރައީސް ޖިއޮވާނީ މަލާގޯ ވަނީ ޓީމު އަލުން ބިނާކުރުމުގެ މުހިންމު މަސްއޫލިއްޔަތު މަލްޑިނީއާ ހަވާލުކޮށްފައެވެ. އޭނާގެ އެޑްވައިޒަރު ލިއޮނާޑޯ ބުނާގޮތުން ނަމަ، ދެން އަންނަ ކޯޗަކު ވާންޖެހޭނީ ޒުވާން ކުޅުންތެރިން އުފެއްދުމުގެ ދިގު ރާސްތާގެ ޕްލޭނަކަށް އެއްބަސްވާ މީހަކަށެވެ. ގާޑިއޯލާ އާއި އަންޗެލޮޓީގެ އިތުރުން، މި މަގާމަށް ދެން ވިސްނަމުންދާ ނަންތަކުގެ ތެރޭގައި 2014އިން 2016އަށް އެ ޓީމަށް އިރުޝާދުދިން އެންޓޯނިއޯ ކޮންޓޭއާއި، 2021ގެ ޔޫރޯ ކާމިޔާބުކޮށްދިން ރޮބާޓޯ މަންޗީނީގެ އިތުރުން ކުރީގެ ތަރި އެންޑްރިއާ ޕިރްލޯ ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.