އިޓަލީގެ މަޝްހޫރު ފުޓުބޯޅަ ކުލަބު އޭސީ މިލާނަށް ކުޅެމުންދާ ކްރޮއޭޝިއާގެ އުމުރުން 40އަހަރުގެ މޮޅު މިޑްފީލްޑަރު ލޫކާ މޮޑްރިޗް، އެ ކުލަބުގައި އިތުރު މުއްދަތަކަށް ދެމިހުރުމުގެ ގޮތުން އޭނާގެ ކޮންޓްރެކްޓް 2027ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ފާއިތުވި އަހަރު އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޓީމާ ގުޅުނު ފަހުން، މޮޑްރިޗް ވަނީ މިލާނުގެ ޖާޒީގައި 37މެޗު ކުޅެދީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑު 2018ވަނަ އަހަރު ހާސިލުކޮށްފައިވާ މި ކުޅުންތެރިޔާއަކީ، ސްޕެއިންގެ ރެއާލް މެޑްރިޑާއެކު ރަން ޒަމާނެއް ހޭދަކޮށް އެ ޓީމަށް 28މުބާރާތް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.
ކްރޮއޭޝިއާގެ ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ އާދަޔާޚިލާފު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މޮޑްރިޗް ވަނީ ޤައުމީ ޓީމަށް ކުޅެދިން 202މެޗުގައި 29ލަނޑު ޖަހާފައެވެ. ދާދި ފަހުން ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕުގައި އޭނާ ކުޅެފައިވާއިރު، މިއީ އޭނާ ޤައުމީ ޓީމާ އެކު ނުކުތް 10ވަނަ ބޮޑު މުބާރާތެވެ. ނަމަވެސް، އެ މުބާރާތުގެ ދެވަނަ ބުރުގެ ވަރުގަދަ ކުރިމަތިލުމުގައި ޕޯޗުގަލް އަތުން ބަލިވެ ކްރޮއޭޝިއާ ވަނީ ކަޓާފައެވެ.
ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ހަތް ފަހަރު އުފުލާލާފައިވާ އޭސީ މިލާނަށް ނިމިދިޔަ ސީޒަނުގެ އިޓާލިއަން ލީގުން ލިބުނީ ފަސްވަނައެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ޓީމުގެ ކުޅުން ވަރުގަދަކޮށް ކާމިޔާބީތައް ހޯދުމުގެ އަމާޒުގައި، އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން އިރުޝާދުދިން ކޯޗު ރުބެން އަމޮރިމްއާ މިހާރު ވަނީ މިލާނުގެ ކޯޗުކަން ހަވާލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.