މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ 30ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް 2026ގެ ފިރިހެން ޑިވިޝަނުގެ ކަޕް ޗެމްޕިއަންކަން ކިންގްސް ބާސްކެޓްބޯލް ކުލަބުން ހޯދިއިރު، ޝީލްޑް ޗެމްޕިއަންކަން ނެޓްސް ބާސްކެޓްބޯލް ކުލަބުން ކަށަވަރުކޮށްފިއެވެ.
ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ ކަޕް ފައިނަލް މެޗުގައި ކިންގްސް އިން މޮޅުވީ ވާދަވެރި ޓީރެކްސް ބާސްކެޓްބޯލް ކުލަބާ ބައްދަލުކޮށް 60-57ޕޮއިންޓުގެ ހަނި ތަފާތަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް މޮޅު އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ފޯރިގަދަ މެޗަކީ ބެލުންތެރިންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނު މެޗެކެވެ.
މީގެ އިތުރުން އިއްޔެ ހަވީރު ކުޅެވުނު ޝީލްޑް ކެޓަގަރީގެ ފައިނަލްގައި އެލްކިއު ސްޕޯޓްސް ކުލަބުގެ މައްޗަށް ނެޓްސް އިން ކުރި ހޯދީ 85-49ޕޮއިންޓުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސްކޯ ކުރުމަށް އެލްކިއުއަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. އެހެންނަމަވެސް ދެ ޓީމުން ވެސް ވަނީ މެޗުގައި ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.
މުބާރާތުގެ ކަޕް ފައިނަލުން ކިންގްސް ޖާގަ ހޯދީ ސެމީގައި ރެޑް ވިންގްސް ބަލިކުރުމަށް ފަހުއެވެ. އަދި ޓީރެކްސް ފައިނަލަށް ދަތުރުކުރީ ސްޓްރީންގާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޝީލްޑް ފައިނަލަށް ބަލާއިރު، ނެޓްސް އިން ސެމީގައި ސްޕާޓަންސް ބަލިކުރިއިރު، އެލްކިއު އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ލެންސާސް ބަލިކޮށްގެންނެވެ.
މިއަހަރުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 23ޓީމަކުން ވާދަކޮށްފައި ވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.