ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ތާރީޚީ ބޮޑު އަގަކާ އެކު މޯގަން ރޮޖަރސް ޗެލްސީއަށް

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސިވިލާތުގެ ފުޓުބޯޅަ ތާރީޚުގައި ދެވުނު އެންމެ ބޮޑު އެއް ޓްރާންސްފަރ ފީ ކަމަށްވާ 116މިލިއަން ޕައުންޑްގެ އަގަކަށް، އެސްޓަން ވިލާއަށް ކުޅެމުންދިޔަ އުމުރުން 23އަހަރުގެ ހުނަރުވެރި ފޯވާޑް މޯގަން ރޮޖަރސް، ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ސޮއިކޮށްފިއެވެ.

މި ބިޔަ ޓްރާންސްފަރއާ އެކު ރޮޖަރސް ވެފައި ވަނީ ޗެލްސީގެ ތާރީޚުގައި ވެސް އެ ކުލަބުން ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ޓީމުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ، 2023ވަނަ އަހަރު 115މިލިއަން ޕައުންޑަށް ބްރައިޓަންއިން ގެނައި އެކުއެޑޯގެ މިޑްފީލްޑަރު މޯސެސް ކައިސޭޑޯއަށެވެ. އަދި މިއީ މެންޗެސްޓަރ ސިޓީން 117މިލިއަން ޕައުންޑަށް އެލިއޮޓް އެންޑަސަން ގަތުމަށް ފަހު، އިނގިރޭސި ކްލަބަކުން ހިންގި އެންމެ އަގުބޮޑު އެއް މުއާމަލާތް ވެސް މެއެވެ.

ދާދި ފަހުން ނިމުނު ވޯލްޑް ކަޕްގައި އިންގްލެންޑް ޓީމާ އެކު ތިންވަނަ މަގާމު ހާސިލުކުރުމަށް ފަހު އެނބުރި ގައުމަށް ގޮސް، ޗެލްސީގެ މެޑިކަލް ފުރިހަމަކޮށް ރޮޖަރސް ވަނީ ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ. މީޑިއާ ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި، އޭނާ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ އާސެނަލްއެވެ. އެހެން ނަމަވެސް، ފަހު ވަގުތު ޗެލްސީން ވަނީ އާސެނަލް ފަހަތަށް ޖައްސާލުމަށް ފަހު ރޮޖަރސްގެ ސޮއި ކާމިޔާބުކޮށްފައެވެ.

ލަންޑަނުގެ ނަންމަޝްހޫރު ކުލަބާ ގުޅުމަށް ފަހު އުފާފާޅުކުރަމުން ރޮޖަރސް ބުނީ، އޭނާގެ ކެރިއަރުގައި މިވަގުތަށް އެޅުނު އެންމެ ފުރިހަމަ ފިޔަވަޅަކީ މިއީ ކަމުގައެވެ. އަދި ޗެލްސީން ކުރިއަށް ރާވާފައިވާ ޕްރޮޖެކްޓްތަކަކީ އޭނާގެ އަމާޒުތަކާ ގުޅޭ ކަންތައްތަކެއް ކަމަށާއި، ލަންޑަނުގެ އެންމެ ބޮޑު ޓީމުގެ ކުޅުންތެރިއަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު