ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔޫއެފާގެ ރައީސް ފައިނަލް މެޗް ބޮއިކަޓްކުރީ ފީފާގެ ގޯސްތަކުގެ ސަބަބުން!

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ (ޔޫއޭފާ)ގެ ރައީސް އެލެކްސަންޑަރ ސެފެރިން ވަޑައިނުގަތީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސިޔާސީ ނިންމެވުންތަކާ މެދު އުފެދިފައިވާ ފުން ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާއިން އެމެރިކާ ސަރުކާރާ ގުޅިގެން ގަވާއިދުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށް ސެފެރިން ވަނީ ތަކުރާރުކޮށް ތުހުމަތުކުރައްވާފައެވެ. މިގޮތުން، އެންމެ ފަހުން އޭނާގެ ނުރުހުން އަމާޒުވީ، އެމެރިކާގެ ގައުމީ ޓީމުގެ ފްލޯރިއަން ބަލޯގަންއަށް ދެއްކި ރަތް ކާޑު ފީފާއިން ބާތިލުކޮށް، މުބާރާތުގެ ބާކީ މެޗުތަކުގައި އިތުރަށް ކުޅުމުގެ ފުރުސަތު އޭނާއަށް ދިނުމާ ގުޅިގެންނެވެ. ޔޫރަޕްގެ ބައްރުން ދެކޭ ގޮތުގައި މިއީ އިންފަންޓީނޯ އެމެރިކާގެ ސަރުކާރު ރުއްސުމުގެ ބޭނުމުގައި ނިންމެވި ވަރަށް ގޯސް ނިންމެވުމެކެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން ބޭއްވި މި ފަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން މިދިޔަ މަހު މެކްސިކޯގައި ބޭއްވި ރަސްމިއްޔާތުގައި ސެފެރިން ބައިވެރިވެވަޑައިގަތެވެ. އެހެން ނަމަވެސް، ފީފާއާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން، ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރި ފައިނަލް މެޗު ބައްލަވާލެއްވުމަށް އޭނާ ނިއުޖާޒީއަށް ވަޑައިގަތުމަށް ވަނީ ދެކޮޅުހައްދަވާފައެވެ. 

މީގެ ކުރިން ވެސް ފީފާގެ ބޮޑެތި ހަރަކާތްތަކާ ސެފެރިން ވަނީ ދުރަށް ވަޑައިގެންފައެވެ. އެގޮތުން، މިދިޔަ އަހަރު ޕެރަގުއޭގައި އޮތް ފީފާ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް އިންފަންޓީނޯ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ގަތަރާއި ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކަށްފަހު ގަޑިޖެހިގެން ވަޑައިގަތުމުން، ޔޫރަޕްގެ ބައެއް ގައުމުތަކުންނާއި ސެފެރިން ވަނީ އެ ބައްދަލުވުން ވެސް ބޮއިކޮޓްކުރައްވާފައެވެ. މިފަދަ އެތައް މައްސަލަތަކަކާ ގުޅިގެން، ފީފާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިންފަންޓީނޯއާ ދެކޮޅަށް ޔޫރަޕުން ވަރުގަދަ ކެންޑިޑޭޓަކު ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު