ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިސްބުރު އެކަޑަމީގެ ޓީމެއް އިންޑޮނޭޝިޔާއަށް ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، ބިސްބުރު ސްޕޯޓްސް ކުލަބުގެ އަށް އަހަރުން ދަށުގެ އެކަޑަމީ ޓީމު، އިންޑޮނޭޝިޔާގައި ބާއްވާ މުބާރާތެއްގައި ވާދަކުރުމަށް މިއަދު އެ ޤައުމަށް ފުރައިފިއެވެ.

"އިންޑޮނޭޝިޔާ ގްރާސްރޫޓް އިންޓަނޭޝަނަލް ޓޯނަމެންޓް 2026"ގެ ނަމުގައި ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ ފަސް ޤައުމަކުން އަށް ޓީމު ބައިވެރިވެއެވެ. ރާއްޖޭގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރަނީ އިންޑޮނޭޝިޔާ، ލާއޯސް، ވިއެޓްނާމް އަދި ތައިލެންޑުގެ ޓީމުތަކެވެ. ބިސްބުރުގެ ފަރާތުން 12ކުދިންގެ ސްކޮޑެއް މި މުބާރާތަށް ގޮސްފައިވާއިރު، އެ ޓީމުގެ އަމާޒަކީ މަދުވެގެން ދެ މެޗު ކާމިޔާބުކުރުން ކަމަށް ބިސްބުރު އެކަޑަމީގެ ހެޑް ކޯޗު މުޙައްމަދު އިހުސާން ސަޢީދު (ލިއުބީ)ވަނީ ހާމަކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އިހުސާން ބުނީ، އަށް އަހަރުން ދަށުގެ އުމުރުފުރާއަކީ ފުޓުބޯޅައިގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދީ، ކުޅިވަރަށް އަހުލުވެރިކުރުވުމަށް އެންމެ މުހިންމު ދުވަސްވަރު ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ފުޓުބޯޅައިގެ އައު ޖީލެއް ބިނާކުރުމުގެ މަސައްކަތުގައި ބިސްބުރުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމަކީ މި ދަތުރުގެ ވަރަށް ބޮޑު ބޭނުމެއްކަމަށް އޭނާ ފާހަގަކުރިއެވެ.

ބެލެނިވެރިންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއެކު އެކަޑަމީގެ ޚަރަދުގައި ކުރާ މި ދަތުރުގައި، މުބާރާތް ނިމުމަށްފަހު އިންޑޯ ދަނޑުތަކެއްގައި ފުޓްސަލް މެޗުތަކެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބިސްބުރު އެކަޑަމީއާ ގުޅުމުގެ ފުރުޞަތު މާލެއާއި އަތޮޅުތެރޭގެ ހުރިހާ ކުދިންނަށް ވެސް އަބަދުވެސް އޮންނާނެކަމުގެ ޔަޤީންކަން ކޯޗު ދިނެވެ.

ފާއިތުވި އަހަރުތަކުގައި ބިސްބުރު ސްޕޯޓްސް ކުލަބުން އަންނަނީ ދިވެހި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށްފަހު، ޕްރިމިއަރ ލީގު ކޮލިފައިންގައި ދެވަނަ މަޤާމު ޙާސިލުކޮށް، އެ ޓީމުން ވަނީ ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސީނިއަރ ޓީމަށް މި ބޮޑު ކާމިޔާބީ ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީވެސް މިހާރު އެކަޑަމީގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރި އިހުސާންއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު