ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް ކަޕާއެކު ކުޅުންތެރިންގެ އަގު އުފުލި، ކުދި ގައުމުތަކުގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް!

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގައި މިރޭ ނިމުމަކަށް އަންނަ ފީފާ ވޯލްޑް ކަޕަކީ، އާންމުކޮށް ނޭނގޭ އެތައް ކުޅުންތެރިންނެއްގެ ޓްރާންސްފާ އަގު އިންތިހާއަށް އުފުލި، މުބާރާތުގައި ވާދަކުރި ކުދި ގައުމުތަކުގެ ފަތުރުވެރިކަމަށާއި އިގުތިސާދަށް ތާރީހީ ކުރިއެރުންތަކެއް ގެނެސްދިން މުބާރާތެއްކަން ސާބިތުވެއްޖެއެވެ.

މިފަހަރުގެ މުބާރާތުން އަމިއްލަ ކެރިއަރަށް އެންމެ ބޮޑު ފައިދާއެއް ހޯދި އެއް ތަރިއަކީ މޮރޮކޯގެ ޒުވާން މިޑްފީލްޑަރު އައްޔޫބް ބުއާދީއެވެ. ބްރެޒިލްއާ ދެކޮޅަށް އުމުރުން 18އަހަރުގެ މި ކުޅުންތެރިޔާ ދެއްކި މޮޅު ކުޅުމާ އެކު، އޭނާގެ އަގު ވަނީ 60މިލިއަން ޑޮލަރުން 94މިލިއަން ޔޫރޯއަށް އުފުލިފައެވެ. ހަމައެއާ އެކު، ފްރާންސްގެ މައިކަލް އޮލީސޭގެ މޮޅު ހުނަރުގެ ސަބަބުން ބަޔާން މިއުނިކްގައި އޭނާގެ އަގު 168މިލިއަނުން 188މިލިއަނަށް މައްޗަށް ގޮސްފައިވާއިރު، އޭނާ ކްލަބުގައި މަޑުކުރުވުމަކީ ބަޔާނަށް މިހާރު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. 

މީގެ އިތުރުން ސްޕެއިންގެ ލަމީން ޔަމާލް (282މިލިއަން ޑޮލަރު)، އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް (128މިލިއަން ޑޮލަރު)އަދި އައިވަރީ ކޯސްޓްގެ ޔާން ޑިއޯމަންޑޭ (121މިލިއަން ޑޮލަރު)ފަދަ ކުޅުންތެރިންގެ އަގަށް ވަނީ 10މިލިއަން ޑޮލަރު އިތުރުވެފައެވެ. ފްރާންސްގެ ބްރެޑްލީ ބާކޮލާގެ އަގު ވެސް ހަ މިލިއަނުން އުފުލުނުއިރު، މުބާރާތުގެ ސަބަބުން ބައެއް ކުޅުންތެރިންގެ މާކެޓް ވެލިއު ވަނީ ދަށަށް ގޮސްފައެވެ. އޭގެ ތެރޭގައި 200މިލިއަން ޑޮލަރު ކިޔަމުންދިޔަ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްގެ އަގު 140މިލިއަނަށް ވެއްޓުމާއި، އިނގިރޭސި ކުޅުންތެރިޔާ އެލިއޮޓް އެންޑަސަންގެ އަގު 140މިލިއަނުން 128މިލިއަނަށް ވެއްޓުން ހިމެނެއެވެ.

މުބާރާތުގެ އެންމެ ހައިރާންކުރުވަނިވި އެއް ބަދަލު ފެނުނީ ކާބޯވާޑޭގެ ގޯލްކީޕަރު ވޮޒީނިއާގެ ފަރާތުންނެވެ. އުމުރުން 40އަހަރުގެ ކީޕަރުގެ އަގު 50،000ޔޫރޯއިން 2މިލިއަން ޑޮލަރަށް އެރިއިރު، އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު ވަނީ 17މިލިއަން ފަހަނައަޅައި ގޮސްފަ އެވެ. އޭނާގެ ނަމާ ގުޅުވައިގެން ކާބޯތަކެތި ވިއްކާ ކުންފުންޏަކަށް ވެސް ބޮޑު މަގުބޫލުކަމެއް ލިބުނުއިރު، މުޅި ކާބޯވާޑޭއަށް ދާ ފަތުރުވެރިންގެ ނިސްބަތް 5000ގުނަ ވަނީ އިތުރުވެފައެވެ. ހަމައެހެންމެ، އަލަށް މުބާރާތުގައި ކުޅުނު ކިއުރަސާއޯއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ނުވަ އިންސައްތައިން 12އިންސައްތައަށް އިތުރުވެ، ފަތުރުވެރިކަމުގެ އަމާޒުތައް ވަނީ ހާސިލްވެފައެވެ.

އިގުތިސާދީ މާހިރުން އަންދާޒާކުރާ ގޮތުގައި ވޯލްޑް ކަޕުގެ ސަބަބުން ކުޅިވަރުގެ ސިނާއަތުގައި ދައުރުވާ ފައިސާ ތިން ޓްރިލިއަނަށް އަރައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނެއްހާ ވަޒީފާ އަލަށް އުފެދޭނެއެވެ. އޮކްސްފޯޑް އިކޮނޮމިކްސްއިން ހާމަކުރި ގޮތުގައި މި މުބާރާތަށް އެކަނި ވެސް އެމެރިކާއަށް 1.24މިލިއަން މީހުން ދަތުރުކޮށް 13.9 ލިއަން ޑޮލަރު ޚަރަދުކުރާނެއެވެ. ނަމަވެސް އެމެރިކާއަށް މިހާ ބޮޑު މަންފާއެއް ލިބުނުއިރު، މުބާރާތް ހޯސްޓްކުރި އަނެއް ދެ ގައުމު ކަމަށްވާ ކެނެޑާއާއި މެކްސިކޯއަށް މާބޮޑު ފައިދާއެއް ނުކުރުމަކީ އެ ގައުމުތަކުގެ ރައްޔިތުން ނުރުހުން ފާޅުކުރަމުންދާ ކަމެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު