އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅެވޭ ފައިނަލް މެޗާއެކު ނިމިގެންދާ ފީފާ ވޯލްޑް ކަޕަކީ، 48ޓީމު ބައިވެރިކޮށްގެން ކުރިއަށްގެންދިޔުމުގެ ސަބަބުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ތާރީޚުގައި ވެސް އެންމެ ބޮޑު މާލީ މަންފާއެއް ހާސިލުކުރި މުބާރާތުގެ ގޮތުގައި ރެކޯޑުކުރެވިއްޖެއެވެ.
މިފަހަރުގެ މުބާރާތުން ފީފާއަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 13ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ 2022ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުން ލިބުނު 7.6ބިލިއަން ޑޮލަރުގެ ރެކޯޑާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވާ ގޮތުގައި ޓީމުތަކުގެ އަދަދު އިތުރުކުރި މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް ހަތަރު އަހަރަށް ބޭނުންވާ ބަޖެޓު ކަށަވަރުކުރުމެވެ. މި އާމްދަނީގެ ބޮޑުކަމުން، މެންބަރު ގައުމުތަކަށް ދޫކުރާ އެހީގެ މިންވަރު ވެސް މިހާރު ވަނީ ބޮޑުކުރެވިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ފީފާގެ ޚަޒާނާއަށް އެންމެ ބޮޑު އެއްޗެއް ވަންނަނީ ޓީވީ ރައިޓްސް، ސްޕޮންސަރުން އަދި ޓިކެޓުގެ ވިޔަފާރިންނެވެ. އެގޮތުން ޓީވީ ރައިޓްސް ވިއްކައިގެން 3.9ބިލިއަނާއި 4.2ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބޭނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ސްޕޮންސަރުންގެ އަތުން 2.8ބިލިއަން ޑޮލަރު އަދި ޓިކެޓް ވިއްކައިގެން ގާތްގަނޑަކަށް 3ބިލިއަން ޑޮލަރު ލިބޭނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މުބާރާތުގައި ވާދަކުރި 48ގައުމުގެ މެދުގައި 655މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ބެހުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޗެމޕިއަން ޓީމަށް 51މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، ރަނަރަޕަށް 34މިލިއަން ޑޮލަރު އަދި ތިންވަނައަށް ދާ ޓީމަކަށް 30މިލިއަން ޑޮލަރު ލިބޭނެއެވެ. ހަތަރުވަނަ ޓީމަށް 28މިލިއަން، ކުއާޓާ ފައިނަލުން ކަޓާ ޓީމުތަކަށް 20މިލިއަން، ގަދަ 16ގެ ޓީމުތަކަށް 16މިލިއަން، ދެވަނަ ބުރުން ކަޓާ ޓީމުތަކަށް 12މިލިއަން އަދި ގްރޫޕް ސްޓޭޖުން ވަކިވާންޖެހޭ ޓީމުތަކަށް ވެސް 10މިލިއަން ޑޮލަރު ދިނުމަށް ފީފާއިން ވަނީ ނިންމާފައެވެ.
މާލީ ގޮތުން ބޮޑެތި އަދަދުތަކެއް ދައުރުވަމުންދާ މި މުބާރާތުގެ ފައިނަލް މެޗުގެ ޓިކެޓެއް ރަސްމީކޮށް 32،000ޑޮލަރަށް ވިއްކި ނަމަވެސް، ބައެއް ފަރާތްތަކުން ޓިކެޓުތަކުގެ އަގު 2މިލިއަން ޑޮލަރަށް ވެސް ވިއްކާފައިވާކަން ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޓްރޮފީއަކީ ވެސް އަގުބޮޑު އެއްޗެކެވެ. 13.5ކިލޯގެ ބަރުދަން ހުންނަ މި ތަށްޓަކީ 18ކެރެޓުގެ 5ކިލޯ ރަނުން ފަރުމާކޮށްފައިވާ، ގާތްގަނޑަކަށް 713،000އެމެރިކާ ޑޮލަރުގެ އަގުހުރި ތަށްޓެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.