ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންގްލެންޑުގެ ކުއަންސާއަށް ދެ މެޗުގެ ސަސްޕެންޝަނެއް!

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ގަދަ ސޯޅައިގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑުގެ ސަބަބުން، އިންގްލެންޑުގެ ފަހަތަށް ކުޅެމުން އަންނަ ޖަރެލް ކުއަންސާ ކުރިއަށް އޮތް ދެ މެޗަށް ސަސްޕެންޑްކުރުމަށް ފީފާއިން ނިންމައިފިއެވެ.

ފީފާގެ މި ނިންމުމާ އެކު، އަންނަ ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ މަޔާމީގައި ނޯވޭއާ ދެކޮޅަށް އިންގްލެންޑް ނުކުންނަ ކުއާޓާ ފައިނަލް މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. އަދި އެ މެޗުން މޮޅުވެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުކުރި ނަމަވެސް އެ ފުރުސަތު ވެސް ކުއަންސާއަށް ގެއްލޭނެ ކަމަށާއި، ދެން އޭނާއަށް މުބާރާތުގައި ކުޅުމުގެ ފުރުސަތެއް ލިބެން އޮތީ އިންގްލެންޑް ފައިނަލަށް ހިނގައްޖެ ހާލަތެއްގައި އެކަނިކަން ވަނީ ޔަގީންވެފައެވެ. ކުއަންސާއަށް މެކްސިކޯ މެޗުގައި ރެފްރީ ރަތް ކާޑު ދައްކާފައި ވަނީ ވީއޭއާރު މެދުވެރިކޮށް އެ ހާދިސާ ބެލުމަށް ފަހުގައެވެ. 

ޑިފެންސަށް ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ކުއަންސާ ސަސްޕެންޑްވުމަކީ ކޯޗު ތޯމަސް ޓުޗެލްއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހެމެކެވެ. މީގެ ކުރިން އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދިން ސަސްޕެންޝަން ފީފާއިން ލުއިކޮށްދީފައިވާތީ، އިންގްލެންޑުން ވެސް އެ މައްސަލަ އިސްތިއުނާފުކުރަން ވިސްނި ނަމަވެސް އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މެކްސިކޯ މެޗުގައި ދިހަ ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު ނަމަވެސް، ޖޫޑް ބެލިންހަމް ޖަހައިދިން ދެ ލަނޑާއި ހެރީ ކޭންގެ ޕެނަލްޓީން އިންގްލެންޑް ވަނީ 3-2އިން މޮޅުވެފައެވެ.

މީގެ އިތުރުން، އިންގްލެންޑް ޓީމަށް ލިބިފައިވާ އަނެއް ދެރައަކީ މެދުތެރެއަށް ކުޅޭ ޖޯޑަން ހެންޑަސަންއަށް ލިބުނު އަނިޔާއެވެ. މެކްސިކޯ ބަލިކުރުމަށް ފަހު އުފާފާޅުކުރުމުގެ ތެރޭގައި އިޝްތިހާރު ބޯޑެއްގައި އަޅައިގަނެ ވެއްޓި ހެންޑަސަންގެ ވައަތު އަތްތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. މިހާރު އޭނާ ކެންސަސް ސިޓީގައި ހުރި ޓީމުގެ ކޭމްޕާ ގުޅިފައިވީ ނަމަވެސް، މުބާރާތުގައި ދެން ބާކީ ހުރި މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު