ބޫޓާނުގެ ވެރިރަށް ތިމްޕޫގައި ކުރިއަށްދިޔަ 16ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026ގައި ރާއްޖޭގެ މަޝްހޫރު ބޮޑީބިލްޑަރު އަޒްނީން ރަޝާދު ރަން މެޑަލް ކާމިޔާބުކޮށް، އޭނާގެ ބައިނަލްއަޤްވާމީ ރަން މެޑަލްގެ ޢަދަދު 11އަށް އަރުވައި، ދިވެހި ކުޅިވަރުގެ ތާރީޚުގައި އައު ސަފުޙާއެއް ލިޔެފިއެވެ.
އޭނާ މި ފަޚުރުވެރި ވަނަ ހޯދާފައި ވަނީ މެންސް އެތުލެޓިކް ފިޒީކް (167ސެންޓިމީޓަރާ ހަމައަށް)ކެޓަގަރީގައި ވާދަކޮށްގެންނެވެ. މި ބައިން ދެވަނަ މަޤާމަށް އިންޑިއާގެ އަރުނާޗަލަމް ކަންނަން ދިޔައިރު، ތިންވަނަ ލިބުނީ އަފްޣާނިސްތާނުގެ ބިލާލް ޖަލީލީއަށެވެ. އަދި ހަތަރުވަނަ ލަންކާގެ މަދޫޝަން ވިޖެވަރްދަނާ ހޯދިއިރު، ފަސްވަނައަށް ހޮވުނީ މުބާރާތް ބޭއްވި ޤައުމު ކަމަށްވާ ބޫޓާނުގެ ރޯޝަން ގުރުންގެވެ.
މި ކާމިޔާބީއަކީ ސަރަޙައްދީ ފެންވަރުގައި އަޒްނީނާ ވާދަކުރެވޭނެ އެހެން އެތުލީޓެއް ނެތްކަން ސާބިތުކޮށްދިން ކަމެކެވެ. ދުނިޔޭގެ މުބާރާތްތަކުގައި 2022އިން 2024އަށް ޖެހިޖެހިގެން ތިން ރަން މެޑަލް ގެނެސްދީފައިވާ އަޒްނީނަކީ ޤައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ. އެގޮތުން ސްޕޯޓްސް ފިޒީކް ބައިން ވިދިވިދިގެން ފަސް އަހަރު ތާޖު އުފުލާލުމުގެ އިތުރުން، އޭނާ ވަނީ 9އަހަރުގެ ބުރަ މަސައްކަތުން މިސްޓަރ މޯލްޑިވްސް 2025ގެ ޝަރަފުވެރި މަޤާމުވެސް ކާމިޔާބުކޮށްފައެވެ.
ރަން މެޑައްޔާއެކު ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ބައިނަލްއަޤްވާމީ މައިދާނުގައި ކުޅުމުން ލިބުނު ފަޚުރުވެރިކަމަކީ ބަޔާންކުރަން ދަތި އުފަލެއްކަމަށް އަޒްނީން ސިފަކުރިއެވެ. އޭނާ ހާމަކުރި ގޮތުގައި ޤައުމު ތަމްސީލުކުރުމަކީ އަބަދުވެސް ލިބޭ އެންމެ ބޮޑު ޝަރަފެވެ. އަދި މި މެޑައްޔަކީ ހަމައެކަނި އޭނާގެ އަމިއްލަ އެއްޗެއް ނޫން ކަމަށާއި، އެއީ މުޅި ދިވެހި އުންމަތަށް ލިބުނު ކާމިޔާބީއެއްކަމަށް އޭނާ ފާހަގަކުރިއެވެ.
މި މުބާރާތުގައި ޤައުމީ ކޯޗު ޢަބްދުލްހަސީބް ހުސައިންގެ ބެލުމުގެ ދަށުން ނުކުތް ދިވެހި ޓީމުގެ އެހެން ބައިވެރިންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 170ސެންޓިމީޓަރުގެ މެންސް އެތުލެޓިކް ފިޒީކް ބައިން އަޙްމަދު ނައީމް ރިހި މެޑަލް ހޯދިއިރު، 175ސެންޓިމީޓަރުގެ ބައިން ޢަލީ މަބްރޫކް ލަތީފްވެސް ވަނީ ރިހި މެޑަލް ހާސިލުކޮށްފައެވެ. މީގެ އިތުރުން ވެސް ދިވެހި ޓީމުގެ އެތައް އެތުލީޓުންނެއް ވަނީ މުބާރާތުގެ އެކި ކެޓަގަރީތަކުގެ ގަދަ ފަހެއްގައި ހިމެނިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.