މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އަންނަ މަހު މާލޭގައި ބޭއްވުމަށް ތާވަލުކޮށްފައިވާ 64ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން އާންމުކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި ހިނގާ މަހުގެ 23ވަނަ ދުވަހުގެ މެންދުރު ފަހު 14:00އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ޓީޓީ އެސޯސިއޭޝަނަށް ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި އަހަރުގެ މުބާރާތުގައި ވެސް ފިރިހެން އަދި އަންހެން ކުޅުންތެރިންނަށް ޚާއްސަކޮށްގެން ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި ޓީމު އިވެންޓްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 11، 13، 15، 17އަދި 19އަހަރުން ދަށުގެ އުމުރުފުރާތަކުގެ އިތުރުން، ފުރަތަމަ ޑިވިޝަނާއި، ދެވަނަ ޑިވިޝަން އަދި ވެޓަރަންސް ބައިން ވެސް ކުޅުންތެރިންނަށް ވާދަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓީޓީ މުބާރާތް ކަމަށްވާ ގައުމީ މުބާރާތުގެ ކުޅުން މާލޭ ޓީޓީ ހޯލުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 12ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.