ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްލަސިކް ކުއާޓާގެ ޖާގަ އެވްސެކް، ސީއާރްސީ އަދި އެމްއީޑީޓީޓީ ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަބް މޯލްޑިވްސްގެ ކްލަސިކް ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކާމިޔާބުކޮށް، ކުލަބު އެވްސެކާއި ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ)ގެ އިތުރުން އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ)އިން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ރޭ ދަތުރުކޮށްފިއެވެ.

ޖުމްލަ ނަވާރަ ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުތަކުން މޮޅުވެ، މި ތިން ޓީމުން ވަނީ ގްރޫޕް އޭ އަދި ބީ އިން ކުރި ހޯދާފައެވެ. އެގޮތުން ގްރޫޕް އޭ އިން އެވްސެކް ކުއާޓާއަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެންއާ ވާދަކޮށް ފަހަތުން އަރައި 4-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ހަމަ މި ގްރޫޕުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ޕެމާ)އިން ވަނީ ބަންޑާރަ ކުލަބުގެ މައްޗަށް 10-4ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯދާފައެވެ.

ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔައީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12ޕޮއިންޓް ހޯދި ހުޅުމާލެ ހޮސްޕިޓަލެވެ. ނުވަ ޕޮއިންޓާއެކު އެވްސެކަށް ދެވަނަ ލިބުނުއިރު، އެޗްޕީއެސްއެން ތިންވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ. އަދި ޕެމާއަށް ތިން ޕޮއިންޓް ލިބުނުއިރު ބަންޑާރަ ކުލަބަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އަނެއްކޮޅުން ގްރޫޕް ބީ އަށް ބަލާއިރު، ސީއާރްސީ ވަނީ ކުލަބު އެސްއެމްއީ ޑިޖިޓަލް އަތުން 7-0އިން މޮޅުވެ 10ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމު ހާސިލުކޮށްފައެވެ.

ގްރޫޕް ބީ އިން ކުއާޓާގެ ދެވަނަ ޖާގަ އެމްއީޑީޓީޓީން ކަށަވަރުކުރީ ހެލްތު ރެކްރިއޭޝަން ކުލަބު 5-1އިން ބަލިކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ތިންވަނަ ފަސް ޕޮއިންޓާއެކު ކުލަބު ޑީޖޭއޭ އަށް ލިބުނުއިރު، ހެލްތަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އެސްއެމްއީ ޑިޖިޓަލް މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހުގެ މެޗުތައް މިރޭ ކުރިއަށްދާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު