ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހިންގުން ލާމަރުކަޒުކޮށް، މުޅި ގައުމަށް ފުޓްބޯޅަ ފުޅާކުރުމުގެ މަގުސަދުގައި ހަތަރު ސަރަހައްދެއްގައި ފުޓްބޯޅަ އެސޯސިއޭޝަންތައް ގާއިމުކުރުމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އިއްޔެ ނިންމައިފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް ސަރަހައްދީ ފެންވަރުގައި ފުޓްބޯޅަ އިދާރާތަކެއް އުފައްދާ ފުރަތަމަ ފަހަރެވެ. އިއްޔެ ބޭއްވި އެކްސްކޯ ބައްދަލުވުމުން ފާސްކުރި ހަތަރު އިދާރާއަކީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން އަދި ސައުތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަނެވެ.
މި ބަދަލާ ގުޅޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ދިވެހި ފުޓްބޯޅަ އާ މިސްރާބަކަށް ގެންދިއުމަށް އެޅުނު އެންމެ މުހިންމު ބިންގާ ކަމުގައެވެ. ކުރިއަށް އޮތީ މި އިދާރާތަކުގެ ހިންގާ ގަވާއިދުތައް އެކުލަވާލައި، އެ ސަރަހައްދުތަކުގެ ރަށްތަކުގެ ބައިވެރިވުމާއެކު އިންތިހާބުތައް ބޭއްވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ފުރަތަމަ ކޮޅު މާލީ އެހީތެރިކަން ދިން ނަމަވެސް، ދުރު ރާސްތާގައި މި އެސޯސިއޭޝަންތަކަކީ އަމިއްލައަށް އާމްދަނީ ހޯދައިގެން ހިންގާ ތަންތަނަށް ވެގެންދާނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.
މި ބަދަލާ އެކު، ސަރަހައްދީ ފެންވަރުގައި ކުޅޭ ލީގުތަކާއި މުބާރާތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިހުތިޔާރު ލިބޭނީ ރީޖަނަލް އެސޯސިއޭޝަންތަކަށެވެ. މިއާ އެކު މައި އިދާރާ، އެފްއޭއެމްގެ ދައުރު ބަދަލުވެގެންދާނީ ގައުމީ ޓީމުތަކުގެ ކަންކަން ބެލެހެއްޓުމާއި، މުޅި ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ މައި ފެޑެރޭޝަނެއްގެ ގޮތުގައެވެ.
އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)ވަނީ އޭނާ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް މި ފަދަ ބަދަލެއް ގެނައުމަށް މަސައްކަތްކުރައްވާފައެވެ. އެހެން ނަމަވެސް، އޭރު ފީފާއިން ލަފާދިނީ ކުރިން ވެސް މިފަދަ ކަންކަން އަސާސީ ގަވާއިދުގައި ހިމަނައި ތަންފީޒުކޮށްފައި ނުވާތީ، ފުރަތަމަ އަސާސީ އޮނިގަނޑު ހަރުދަނާ ކުރުމަށެވެ. މީގެ ކުރިން 2016ވަނަ އަހަރު ވެސް ރާއްޖެ 9ޒޯނަކަށް ބަހާލައިގެން ސަބް އެސޯސިއޭޝަންތައް އުފައްދަން އަސާސީ ގަވާއިދުން ލާޒިމުކުރިއެވެ. ނަމަވެސް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އެކަން އޮތީ ތަންފީޒު ނުކުރެވިއެވެ.
ޓޮމްގެ ލީޑާޝިޕްގެ ދަށުން މިހާރު ވަނީ ޑޮމެސްޓިކް ފުޓްބޯޅަ ނިޒާމު ބަދަލުކޮށް، ކޮންމެ ރަށަކަށް ވެސް ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ރީޖަނަލް ލީގުތައް ތައާރަފުކޮށްފައެވެ. އަލަށް މި އުފައްދާ ހަތަރު އެސޯސިއޭޝަނަކީ މި މަސައްކަތުގެ މައްޗަށް ބިނާކޮށް ގެނެވޭ ބޮޑު ބަދަލެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.