މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން އިންތިޒާމުކޮށްގެން، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓާއި މާފަންނު ސްޓޭޑިއަމްގައި ހުންނަ ބާސްކެޓް ޓްރޭނިންގ ސެންޓަރުގައި މި މަހުގެ 4އިން 22ގެ ނިޔަލަށް ކުރިއަށްގެންދާ 30ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ކުޅުން ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތަކީ ގިނަ ކްލަބްތަކެއްގެ ބައިވެރިވުމާ އެކު ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ބާސްކެޓްބޯޅަ މުބާރާތެވެ. މިއަހަރުގެ ފިރިހެން ޑިވިޝަންގައި 23ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ވަނީ ހަ ގްރޫޕަކަށް ބަހާލެވިފައެވެ. އަދި އަންހެން ޑިވިޝަނުގައި މި އަހަރު ވާދަކުރަނީ ޖުމްލަ ހަ ޓީމެކެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ ވައިކިންގްސް، މަމްބާ ބީސީ، ފީނިކްސް ބީސީ އަދި ސްޕާޓަންސްއެވެ. ގްރޫޕް ދޭއްގައި ޓީރެކްސް، އޮނި ސްޕޯޓްސް ކްލަބް، ލޭންސާސްގެ އިތުރުން ރައިނޯސް ބީސީ ވާދަކުރާއިރު، ގްރޫޕް ތިނެއް އެކުލެވިފައި ވަނީ ސޮނިކް ބީސީ، ހަރިކޭން ބީސީ، ހުޅުމާލެ ސްޕޯޓްސް ކްލަބް އަދި ރެޑްވިންގްސްގެ މައްޗަށެވެ.
މީގެ އިތުރުން، ގްރޫޕް ހަތަރެއްގައި ހިމެނެނީ ޑްރެގަންސް، އަންރޭންކްޑް ބާސްކެޓްބޯލް، އެލްކިއު ސްޕޯޓްސް ކްލަބް އަދި ކިންގްސް ބީސީއެވެ. ގްރޫޕް ފަހެއްގައި ވުލްވްސް އާއި ވެސްޓް އެންޑް ސްޕޯޓްސް ކްލަބްގެ އިތުރުން ނެޓްސް ބީސީ ހިމެނޭއިރު، ފަހު ގްރޫޕް ކަމަށްވާ ގްރޫޕް ހައެއްގައި ވާދަކުރަނީ ޓްރޯޖަންސް ބީސީއާއި ސްޓާ ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ ހަ ޓީމަކީ ކޮމެޓްސް ބީސީ، ސްޓާސް ސްޕޯޓްސް ކްލަބް، ސްޕާކްސް ބީސީ، މިސްޓިކްސް ބީސީ، ކުއީންސް އަދި ސައިކްލޯންއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.