ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކިޑްސަލް މުބާރާތުގެ ތާޖު އެސްޕަޔަރ އެކެޑަމީއަށް

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސް އިން 15އަހަރުން ދަށަށް ޚާއްސަކޮށްގެން މުޅިން އަލަށް ތައާރަފުކުރި "ކިޑްސަލް 2026"މުބާރާތުގެ ފައިނަލުގައި އެލީޓް އެކެޑަމީއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން މޮޅުވެ، އެސްޕަޔަރ އެކެޑަމީން ތާރީޚީ ޗެމްޕިއަންކަން  ހާސިލުކޮށްފިއެވެ. 

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، ނަތީޖާ އޮތީ 2-2އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޓަކައި ޖެހި ޕެނަލްޓީގައި އެސްޕަޔަރއިން ވަނީ 4-2ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެލީޓް އެކެޑަމީންނެވެ. އާދު ބިން މުޙައްމަދު ނިޔާޒް އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް، އެސްޕަޔަރގެ އަޙްމަދު ޔާލް ޝުޖާއު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން އާދު އިތުރު ލަނޑެއް ކާމިޔާބުކޮށް އެލީޓަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިން ނަމަވެސް، ފަހު ހާފުގެ ތެރޭގައި ޔަލްސަން ބިން ހިސާން ވަނީ އެސްޕަޔަރއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީ، މެޗުގެ އުންމީދު އާކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓްއައުޓަށް ދިޔައިރު، އެސްޕަޔަރގެ ހަތަރު ކުޅުންތެރިން ކަމަށްވާ އަޙްމަދު އާހިލް ހުސައިން، ޔަލްސަން، އަންމާރު ބިން ނަވާޒް އަދި މީކާ މުޙައްމަދު ކަލީމް ވަނީ އެކުދިންގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. އެލީޓް ޓީމުން ޔޫސުފް ލުގްމާން ނަސީމްއާއި އަލީ ޒިހާން ޒިޔާދު ޕެނަލްޓީ ވައްދާލިއިރު، އެ ޓީމުގެ އާދުއާއި ޝައިމަން އަޙްމަދު ރިޒާ ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ.

ދިހަ އެކެޑަމީއަކުން ވާދަކުރި މި އަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ޕްރިންސް އޮފް ފުޓްސަލް" ގެ ޝަރަފުވެރި މަގާމު ލިބުނީ ފައިނަލްގައި އެލީޓަށް ދެ ލަނޑު ކާމިޔާބުކޮށްދިން އާދު އަށެވެ. މިއީ މުސްތަގުބަލުގެ ފުޓްސަލް ތަރިން އުފެއްދުމުގެ މަގުސަދުގައި 15އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސް އިން ފެށި އައު މުބާރާތެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު