ކްލަބް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ އަންހެނުންގެ ދެވަނަ ޑިވިޝަންގެ މުބާރާތް ކަމަށްވާ "އެއިޓީން ތާޓީ ކްލަސިކް 2026"ގެ ފުރަތަމަ މެޗުތަކުން އެންމެ ފަހުގެ ތާޖު ހާސިލުކުރި ޕްރިޒަން ކްލަބާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ޓީމުތަކުގެ މެދުގައި ކުޅެވުނު ފުރަތަމަ ކުރިމަތިލުންތަކުގެ ތެރެއިން، ޕްރިޒަން އިން ވަނީ ހެލްތު ރެކްރިއޭޝަން ކްލަބްގެ މައްޗަށް 14-0ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. އަދި ހަމަ އެ ގްރޫޕްގެ ދެވަނަ މެޗުގައި ހުޅުމާލެ ހޮސްޕިޓަލާ ވާދަކޮށް އެސްޓީއޯ އިން ވަނީ 4-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
ޕްރިޒަންއާއި ހެލްތު ބައްދަލުކުރި މެޗުގައި ޕްރިޒަންގެ ފާތިމަތު އިނާޝާ އާދަމްގެ ފަރާތުން ފަސް ގޯލު ފެނިގެންދިޔައިރު، އެ ޓީމުގެ ކެޕްޓަން އާމިނަތު ފަޒްލާ ވަނީ ހަތަރު ގޯލު ޖަހައިދީފައެވެ. މީގެ އިތުރުން އައިޝަތު ނައިހާ، ހައިކާ ހުސައިން، އައިޝަތު ވިސާމާ އަދި އައިޝަތު ހާޝިމާ ކުރެން ކޮންމެ ކުޅުންތެރިއަކު އެއް ގޯލު ކާމިޔާބުކުރިއިރު، އެ ޓީމުގެ އަނެއް ގޯލަކީ ހެލްތުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެސްޓީއޯ އިން ކުޅުނު މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މަލްދާ ނަސީމް، ސުމައްޔާ ބިންތި އަބްދުލް ހަމީދު، ޝައީމާ ސާލިމް އަޙްމަދު އަދި އާމިނަތު ޝަފްނާއެވެ.
ޖުމްލަ ނުވަ ޓީމަކާ އެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ފަސް ޓީމު އޮތްއިރު ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ. މި މުބާރާތުގެ އިތުރު ދެ މެޗެއް މާދަމާ ރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.