ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެވްސެކްއާއި އެމްއީޑީޓީޓީން މުހިންމު މޮޅެއް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ ކްލަސިކް 2026 މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ކުލަބު އެވްސެކްއާއި އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ)އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

 ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 19 ޓީމެއް ވާދަކުރާއިރު، ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. އޭގެ ތެރެއިން ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި އެވްސެކުން ވަނީ ބަންޑާރަ ކުލަބު އަތުން 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި އެވްސެކުގެ އިބްރާހީމް ޒަޔާން ދެ ލަނޑު ޖެހިއިރު، އަބްދުالله ބައްސާން، ހުސައިން ޝާދިން، އީމާން އިލްޔާސް، މުޙައްމަދު ނާއިލް އަދި ތައުމީން ނޫހު ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކުރިއެވެ. މި މޮޅާ އެކު އެވްސެކް ގްރޫޕްގެ ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެޗްޕީއެސްއެންއަށް ވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލް ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާ އެކު ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޕެމާއާއި ބަންޑާރަ ކުލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގްރޫޕް ބީގައި ރޭ އެމްއީޑީޓީޓީން ވަނީ ކުލަބު އެސްއެމްއީ ޑިޖިޓަލް އަތުން 4-1އިން މޮޅުވެފައެވެ. އެމްއީޑީޓީޓީގެ މުޙައްމަދު ނަވީން ހަސަން ދެ ލަނޑު ޖެހިއިރު، އަލީ އިބްރާހީމް އާއި މަޒުހަރު އަބްދުالله ވެސް ލަނޑު ޖެހިއެވެ. އެސްއެމްއީ ޑިޖިޓަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ފައުޒާނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ކުލަބު ޑިޖޭއޭ އާއި ހެލްތު ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެޗު ނިމުނީ 4-4އިން އެއްވަރުވެގެންނެވެ. މި މެޗުގައި ޑީޖޭއޭގެ އިބްރާހީމް ޒަޔާން ހެޓްރިކެއް ހެދިއިރު، ސައުދުالله އަޙްމަދު ވެސް ލަނޑެއް ޖެހިއެވެ. ހެލްތުގެ ޔޫސުފް ޝާހިދު ދެ ލަނޑު ޖެހިއިރު، ނިމާލް ޚާލިދު އަދި އާދަމް އަޒުހާން ވެސް ލަނޑު ޖެހިއެވެ.

މި ނަތީޖާތަކާ އެކު ގްރޫޕް ބީގެ ދެވަނައިގައި އެމްއީޑީޓީޓީ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ކުލަބު ކްރިމިނަލް ކޯޓަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޑީޖޭއޭއަށް ފަސް ޕޮއިންޓް އަދި ހަތަރުވަނައިގައި އޮތް ހެލްތަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެސްއެމްއީ ޑިޖިޓަލް އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ. މީގެ އިތުރުން ގްރޫޕް ސީގައި ރޭ ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް ކުލަބު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޕީއެސްއެމްގެ ލަނޑުތައް އަލީ ޝިމާހުއާއި ރިމާހު އަޙްމަދު ޖެހިއިރު، ވިޒިޓް މޯލްޑިވްސްގެ ލަނޑުތައް ޖެހީ ފާލިހު އަޙްމަދު ފަލާހު އާއި އިސްމާޢީލް ރާއިދު ރިޔާޒެވެ.

މި ގްރޫޕުގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު ކުލަބު ބިނާރާ އޮތްއިރު، ދެވަނައިގައި އޮތް އެމްއެމްއޭ ސޯޝަލް ކުލަބަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ވިޒިޓް މޯލްޑިވްސްއާއި ހަތަރުވަނައިގައި އޮތް ޕީއެސްއެމްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ތަޢުލީމީ ގުޅުމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި މުބާރާތުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު