ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑީވްސް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މިއަހަރުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 90 ކުދިން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިންނެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 12 އަހަރުން ދަށާއި 12 އަހަރުން މަތީގެ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މުބާރާތުގެ އިވެންޓުތަކުގެ ތެރޭގައި 50މ، 80މ، 100މ، 200މ އަދި 400މ ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު ހިމެނެއެވެ. މިއީ އެސް-އޯ މޯލްޑީވްސްއިން މި މުބާރާތް ބޭއްވި ތިންވަނަ އަހަރެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންކްލޫސިވް ސްޕޯޓްސް ހިންގާ އެސް-އޯ މޯލްޑީވްސްއިން މިއަހަރު ވަނީ މުބާރާތުގެ ފެންވަރު މަތިކޮށް، ނަންވެސް "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" އަށް ބަދަލުކޮށްފައެވެ. މުބާރާތުގެ ނަމާ ގުޅޭގޮތުން އެސް-އޯ މޯލްޑިވްސްގެ ޗެއަރޕަރސަން އިބްރާހީމް ރަމީޒް ވިދާޅުވީ، "ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" ގެ ނަމުގައި މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެސް-އޯ މޯލްޑިވްސްގެ މުބާރާތްތައް ކުރިއަށްދާނީ ގައުމީ ފެންވަރުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތަކުން ވެސް ގިނަ ކުދިންތަކެއް ބައިވެރިކުރުވުން ކަމަށެވެ. މި އަހަރު ވެސް ބައެއް ރަށްރަށުން ބައިވެރިވާން އެދުނު ނަމަވެސް، މާލެއަށް ދަތުރުކުރުމާއި ހުރުމާއި ކެއުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން އެ ކުދިންނަށް ބައިވެރިވެވޭގޮތް ނުވީއެވެ.
މުބާރާތް ނިންމުމުގެ ގޮތުން އިއްޔެ ބޭއްވި މެޑަލް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟީލާ ފާޠިމަތު މުޙައްމަދުއެވެ. މި ހަފްލާގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަލްފާޟީލް މުސްޠަފާ މުޙައްމަދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލްފާޟިލާ އަދީލާ ރުސްދީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަނީ އެސް-އޯ މޯލްޑިވްސްއިންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.