ތައިލެންޑުގެ ބެންކޮކްގައި މި މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ 30ވަނަ އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީމަށް ރަސްމީ ޖާޒީ ހަވާލުކޮށްފިއެވެ.
މާލޭ ޓީޓީ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީއެވެ.
މި މަހުގެ 28 އިން ފެށިގެން އަންނަ ޖުލައި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް ތައިލެންޑުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި އޭޝިއާ ބައްރުގެ އެންމެ މޮޅެތި ޒުވާން ކުޅުންތެރިން އެކި އުމުރުފުރާތަކުން ވާދަކުރާނެއެވެ. ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޝިއުރީ ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވައި، މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އެދިވަޑައިގެންފައެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ތަފާތު އުމުރުފުރާތަކުން ކުޅުންތެރިން ވާދަކުރެއެވެ. އެގޮތުން 15އަހަރުން ދަށުގެ ފިރިހެން ކުދިންގެ ސިންގަލްސް އަދި ޓީމް އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނީ މުހައްމަދު ޚަލަފް ރާފިޢު، އައްޔޫބް އިޒްކާން ސަލީމް، އަހްޔަލް އަލީ ނަޒީރް އަދި އިބްރާހިމް އަޝްއަލް އާސިފްއެވެ. އަދި 15އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި ޓީމް އިވެންޓުގައި ވާދަކުރާނީ އާއިޝަތު އަލްސާ ނާފިޒް، އާއިޝަތު މަލަކް ތަސީން، ސާރާ މޫސާ ޖަމީލްގެ އިތުރުން އައިރާ ޢަބްދުﷲ ރިފާޢުއެވެ.
މީގެ އިތުރުން، 19އަހަރުން ދަށުގެ ސިންގަލްސް ކެޓެގަރީގައި ރާއްޖޭގެ އުންމީދީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ކޯޗު ހުސައިން ރަޝީދު އަދި ފާތިމަތު ޖުމާނާ ނިމާލްގެ އިރުޝާދުގެ ދަށުންނެވެ. މި ދެ ކޯޗުން ޓީމާއެކު ތައިލެންޑަށް ދިއުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އަމްޕަޔަރެއްގެ ގޮތުގައި މި މުބާރާތުގައި ބައިވެރިވާނީ އައްޒާމް އިބްރާހިމްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.