ރާއްޖޭގައި އަލަށް ބޭއްވި އިންޓަ ރިސޯޓް ޕެޑަލް ޓެނިސް މުބާރާތް ކަމަށްވާ "އިންޓަ ރިސޯޓް އެންޑް ޕާޓްނާސް މޯލްޑިވްސް ޕެޑަލް އޯޕަން 2026"ގެ ޗެމްޕިއަންކަން ވެލާ ސްޓްރައިކާސް އިން ހޯދައިފިއެވެ.
ޖޫން 18އިން 20އަށް ސައި ލެގޫން މޯލްޑިވްސްގައި ކުރިއަށްދިޔަ މި މުބާރާތުގެ އެއްވަނަ ވެލާ ސްޓްރައިކާސްއަށް ހޯދައިދިނީ މުޙައްމަދު ޝަރުޚީލްއާއި ޙުސައިން ސާމިލްގެ ޕެއާއިންނެވެ.
މި މުބާރާތުގެ ދެވަނަ މަގާމު ހޯދާފައި ވަނީ ހައިޑްއަވޭގެ ދޭޝަން އަދި އިމަނުއެލްގެ ޕެއާއެވެ. އަދި ވާދަވެރި ކުޅުމަކަށް ފަހު މުބާރާތުގެ ތިންވަނަ ހާސިލްކުރީ ޓީމު އާރްއާރް ކޯޓް ކިންގްސްގެ ގާއިދު ގާސިމްއާއި އާދަމް އަބޫބަކުރުގެ ޕެއާއެވެ. ޕެއާގެ އުސޫލުން ކުރިއަށްދިޔަ މި މުބާރާތް ބާއްވާފައި ވަނީ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ބުރުތައް ހިމެނޭ ގޮތަށެވެ.
ރާއްޖޭގެ މަޝްހޫރު 6ރިސޯޓް ބްރޭންޑަކުން ވާދަކުރި މި މުބާރާތުގައި ބައިވެރިވީ ސައި ލެގޫން މޯލްޑިވްސް، ކްރޮސްރޯޑްސް މޯލްޑިވްސް، ވަން އެން ޑް އޮންލީ ރީތިރަށް، ވެލާ ޕްރައިވެޓް އައިލެންޑް، ރޮބިންސަން ނޫނު އަދި ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ. މުބާރާތުގެ ގްރޫޕް އޭގައި ހައިޑްއަވޭ، ވެލާ އިންފިނިޓީ، ވެލާ ސްޓްރައިކާސް އަދި ރޮބިންސަން ނޫނު ހިމެނުނުއިރު، ގްރޫޕް ބީގައި ވާދަކުރީ ސައި ސްޓާޓްސް، ސައި ސުވިން ގް، ކިންގްސް، އާރްއާރް ކޯޓް ކިންގްސް އަދި އާރްއާރްސީ ޗެލެންޖާސް އެވެ.
މޯލްޑިވްސް ޕެޑަލް އެސޯސިއޭޝަން (އެމްޕީއޭ)އިން އިންތިޒާމުކުރި މި މުބާރާތަކީ ރާއްޖޭގައި ޕެޑެލް ޓެނިސް ކުރިއަރުވައި، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ބޭއްވި މުބާރާތެކެވެ. މުބާރާތާ ގުޅޭގޮތުން ޕެޑެލް އެސޯސިއޭޝަނުގެ ރައީސް ޙުސައިން އިޙްވާން ވިދާޅުވީ، މިއީ ރާއްޖޭގައި މި ކުޅިވަރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ ހޮސްޕިޓާލިޓީ ދާއިރާގެ ބޭފުޅުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
އެމްޕީއޭގެ އުންމީދަކީ މި ކުޅިވަރު ރާއްޖޭގެ އެކި ރަށްރަށަށް ފުޅާވެ، އާންމުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ވެގެންދިއުމެވެ. އަދި މާލޭ ސަރަހައްދުގެ އިތުރުން ރަށްރަށުގައިވެސް މި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުވެގެންދިއުމަކީ އެ އެސޯސިއޭޝަނުގެ އަމާޒެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.