މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026"ގެ ފުރަތަމަ މުބާރާތް ކަމަށްވާ "އެލޭއިސް"ކާމިޔާބުކަމާއެކު ނިންމާލައި، ފޯރިގަދަ ޝޯޓްބޯޑް ފިރިހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދު ހޯދައިފިއެވެ.
ފުވައްމުލަކުގެ މަޝްހޫރު އެލޭއިސް ސާފް ބްރޭކުގައި މި މަހުގެ 17އިން 20އަށް ކުރިއަށްދިޔަ މި މުބާރާތަކީ މިއަހަރުގެ ސާފް ލީގުގެ ފެށުމެވެ.
މުބާރާތުގެ އެންމެ ވާދަވެރި ފިރިހެނުންގެ އޯޕަން ބައިގެ ފައިނަލް ހީޓުގައި ޔަސީން ވާދަކުރީ މުޙައްމަދު އިނާނާއާއެވެ. މި ފޯރިގަދަ ކުރިމަތިލުމުން ޔަސީން އެއްވަނަ ކަށަވަރުކުރީ 9.07ގެ ސްކޯއެއް ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އިނާނަށް މި ހީޓުގައި ލިބުނީ 8.93ގެ ސްކޯއެކެވެ.
މީގެ އިތުރުން، ޝޯޓްބޯޑް ފިރިހެން 18އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދީ ނޫހު މުޙައްމަދު ދުނައިމް އިރުޝާދުއެވެ. އޭނާ މި ބައިގެ އެއްވަނަ ހޯދީ ފައިނަލްގައި މުޙައްމަދު އިނާނާއާ ވާދަކޮށް 14.33ގެ މަތީ ސްކޯއެއް ހޯދައިގެންނެވެ. މި ބައިގެ ފައިނަލްގައި އިނާނަށް ލިބުނީ 12.17ގެ ސްކޯއެކެވެ.
މި މުބާރާތުގެ ތެރެއިން، ދިވެހި ސާފް ލީގުގައި ނުހިމެނޭ އިތުރު ތިން އިވެންޓެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޝޯޓްބޯޑް އަންހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ނަހާ ނަސްރުﷲ ހޯދިއިރު، ބޮޑީބޯޑް ފިރިހެނުންގެ އޯޕަން ބަޔާއި ބޮޑީބޯޑް ފިރިހެން 18އަހަރުން ދަށުގެ ބައިން ދެ ޗެމްޕިއަންކަން ހޯދައިގެން އަޙްމަދު ޖިވާއު ޖިހާދު ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. މި އަހަރުގެ ސާފް ލީގުގައި ދެން ކުރިއަށް އޮތީ ތިން މުބާރާތެކެވެ. އެއީ ޖުލައި މަހުގެ ފަހުކޮޅު މ. މުލީގައި ބާއްވާ "މުލީކޮޅު ރާޅުގަނޑު"މުބާރާތާއި، އޮގަސްޓް މަހުގެ ފަހުކޮޅު ލ. މާބައިދޫގައި ބާއްވާ "ކެރަންޑޫ"މުބާރާތުގެ އިތުރުން، ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަންނަމާރި ޗެލެންޖް 1448"އެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.