މިހާރު ކުރިއަށްދާ 35ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ ހައިޖަމްޕްގެ ގައުމީ ރެކޯޑު ޔޫސުފް ނާއިކް ވަޖީހު އަލުން އައުކޮށްފިއެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ހައިޖަމްޕް އެތުލީޓު މި ރެކޯޑު އައުކުރީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހުއެވެ.
ނާއިކް މިފަހަރު ގައުމީ ރެކޯޑު އައުކުރީ 1.91މީޓަރު އުހަށް ފުންމައިގެންނެވެ. މިއީ މީގެ ކުރިން ވެސް މި ރެކޯޑު އޮތް ނާއިކުގެ އަމިއްލަ ރެކޯޑަށްވުރެ މަތީ ނަތީޖާއެކެވެ. އޭނާގެ ކުރީގެ ރެކޯޑަކީ 2025ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޭނާ ހެދި 1.88މީޓަރުގެ ރެކޯޑެވެ. ނާއިކަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ އެތުލީޓެކެވެ.
މި ފަހަރުގެ ގައުމީ މުބާރާތުގައި ހަމައެކަނި އައުވެގެންދިޔައީ ހައިޖަމްޕްގެ ރެކޯޑެއް ނޫނެވެ. ޝޮޓްޕުޓްގެ ގައުމީ ރެކޯޑު ވެސް މި މުބާރާތުގައި ވަނީ އައުކޮށްފައެވެ. މި ރެކޯޑު އައުކުރީ ކުރިން ވެސް ޝޮޓްޕުޓްގެ ގައުމީ ރެކޯޑު އޮންނަ ރާއްޖޭގެ ކާމިޔާބު އެތުލީޓު އައިޝަތު ޝާޔާ ޝަފީއުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.