ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓެނިސް މުބާރާތުގެ ޗެންޕިއަންކަން ނޫހް އަދި ކިޔާރާ ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މާލޭ ޓެނިސް ކޯޓުގައި ކުރިއަށްގެންދިޔަ 13ވަނަ މޭރީބްރައުން ޓެނިސް ޗެންޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ 11އިން 19އަށް ކުރިއަށްދިޔަ މި މުބާރާތުގެ މެންސް އޯޕެން ސިންގަލްސް އިވެންޓުގެ ޗެންޕިއަންކަން މުހައްމަދު ނޫހް ނާޒިހް ހޯދިއިރު، ވިމެންސް އޯޕެން ސިންގަލްސް އިވެންޓުގެ ޗެންޕިއަންކަން ކާމިޔާބުކުރީ ކިޔާރާ އުސާމާ އަލީއެވެ. ހަތް އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 130އަށް ވުރެ ގިނަ އެތްލީޓުން ވާދަކޮށް، ޖުމްލަ 350މެޗު ކުޅެފައިވެއެވެ.

މިދިޔަ އަހަރުގެ ވެސް ޗެންޕިއަންކަން ހޯދި ނޫހް މިއަހަރުގެ މުބާރާތާ ކުރިމަތިލީ ތަށި ދިފާއުކުރުމުގެ އަމާޒުގައެވެ. ތަށި ހޯދުމަށް ފަހު ވާހަކަދައްކަމުން ނޫހް ބުނީ މިއަހަރުގެ މެޗުތައް މިދިޔަ އަހަރާ އަޅާބަލާއިރު މާ އުނދަގޫ ކަމަށާއި، ފައިނަލް މެޗަކީވެ ސް ވަރަށް "ޓަފް"މެޗެއް ކަމަށެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށްފައިވާ ނޫހް އިތުރަށް ބުނީ، ގައުމީ މުބާރާތްތަކުގައި ވާދަކުރުމަކީ ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުކުރުމަށާއި ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ވިމެންސް ސިންގަލްސްގެ ފައިނަލްގައި ކިޔާރާ ވާދަކުރީ މަންހާއާ ދެކޮޅަށެވެ. ނަމަވެސް މެޗުގެ ތެރެއިން މަންހާއަށް އަނިޔާވެގެން އިތުރަށް ނުކުޅެވުމުން، ވޯކްއޯވާއަކުން މެޗު ނިންމާލައި ކިޔާރާއަށް ވަނީ ޗެންޕިއަންކަން ލިބިފައެވެ. މުބާރާތުގެ ތަޖުރިބާއާ ބެހޭގޮތުން ކިޔާރާ ބުނީ މިއީ ވަރަށް އުފާވެރި ތަޖުރިބާއެއް ކަމަށެވެ. މުބާރާތުގެ ބައެއް މެޗުތަކުގައި އޭނާގެ އެއްބަނޑު އެއްބަފާ ދައްތައާ ދެކޮޅަށް ކުޅެންޖެހުމުން ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ކޮންމެ މެޗަކަށް ވެސް ނުކުތީ ހިތްވަރާއެކު މޮޅުވުމުގެ ރޫހުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.

ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވީ، މުބާރާތުގެ ކަންކަން ދިޔައީ ވަރަށް ފުރިހަމައަށް ކަމަށާއި މީގެ ސަބަބުން އައު ހުނަރުވެރި ކުޅުންތެރިން އުފެދެމުންދާ ކަމަށެވެ. ހާއްސަކޮށް ހަގު އުމުރުފުރާތަކުގެ ކުޅުންތެރިން ތަރައްގީވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެސޯސިއޭޝަނުން އަންޑަރ 6އަދި އަންޑަރ 7ގެ ކުދިންނަށް އަމާޒުކޮށްގެން ސްކޫލް ޕްރޮގްރާމަށް އައު ބެޗުތައް ނެރެން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ކުދިން މި މުބާރާތުގައި ބައިވެރިވުމަކީ ޑިވެލޮޕްމެންޓަށް ލިބޭ ރަނގަޅު ފާލެއް ކަމަށް އިގްނާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިޓީއެފް ވޯލްޑް ޓެނިސް ނަންބަރ ރޭޓިން ލިބޭގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި އަތޮޅުތެރޭގެ ކުޅުންތެރިންނާއި ގިނަ އަދަދެއްގެ ތުއްތު ކުދިން ވެސް ބައިވެރިވިއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް މެޑައްޔާއި ތަށި ހަވާލުކޮށްދެއްވީ ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. މި މުބާރާތުގައި ވާދަކުރި ހުރިހާ ޖޫނިއާ ކުޅުންތެރިންނަށް ވެސް ވަނީ ހިތްވަރު ދިނުމުގެ ގޮތުން މެޑަލްދީފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު