ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ސްކޮޓްލެންޑަށް ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަންޖެހޭނެ ކަމަށް އެ ގައުމުގެ ކޯޗު ސްޓީވް ކްލާކް ބުނެފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލްއާ އެއްވަރުކުރި މޮރޮކޯއަކީ މުބާރާތުގައި ވަރަށް ދުރަށް ދިއުމުގެ އަމާޒެއް އޮތް ޓީމެއްކަން ފާހަގަކުރަމުން ކްލާކް ބުނީ، އެމީހުން ބޯޅައާ ނުލައި ވަރަށް މޮޅަށް ކުޅޭ ކަމަށާއި އަދި ބޯޅަ ލިބުމުން އެޓޭކްތައް ނުރައްކާ ކުރާ ކަމަށެވެ. އެހެންކަމުން ސްކޮޓްލެންޑަށް ބޯޅަ ލިބޭ ވަގުތުތަކުގައި އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ސްކޮޓްލެންޑްގެ ފޯމޭޝަނަށް ބަދަލެއް އައުން އެކަށީގެންވާ ކަމަށް ކޯޗު ވަނީ ހާމަކޮށްފައެވެ. ފުރަތަމަ މެޗުގައި ހައިޓީއާ ދެކޮޅަށް 4-4-2ފޯމޭޝަނަށް ކުޅުނު ނަމަވެސް، މޮރޮކޯ މެޗުގައި ފަހަތަށް ތިން ޑިފެންޑަރުންނާއި މެދަށް ފަސް މިޑްފީލްޑަރުން ލައިގެން ކުޅުން އެކަށީގެންވެއެވެ. މި ފޯމޭޝަނަށް ތައްޔާރުވުމުގެ ގޮތުން މުބާރާތުގެ ކުރިން އައިވަރީ ކޯސްޓާ ދެކޮޅަށް ސްކޮޓްލެންޑުން ވަނީ ކުޅެފައެވެ.
"އަހަރުމެން ކޮންމެ ފޯމޭޝަނަކަށް ކުޅުނަސް ވަރަށް މަސައްކަތް ކުރަން ޖެހޭނެ. އަހަރުމެނަކީ މި މެޗުގެ ފެވަރިޓެއް ނޫން. އެހެންވީމާ އަހަރުމެން ޖެހޭ ވަރަށް މަސައްކަތް ކުރަން. ފުރަތަމަ ކަމަކީ މޮޅުވާން ކުޅުން. މޮޅުނުވެވޭނަމަ ބަލިނުވެ ފަރުޖައްސަން ޖެހޭނެ" ކޯޗު ބުންޏެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ބޮޑު ނަމަވެސް، އެކަން ހާސިލްކުރުމަށް މިއީ އެންމެ މުހިންމު މެޗު ކަމަށް ވެސް ކޯޗު ކްލާކް ވަނީ ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.