"ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026"ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ މުބާރާތުގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވައި، މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ހަތް މިނެޓުގެ ހަތަރު ކުއާޓަރަށް ބަހާލައިގެން ކުޅުނު މި މެޗު 23ޕޮއިންޓް 3ޕޮއިންޓުން ކާމިޔާބުކުރީ ހުރަވީ ސްކޫލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ މެޗް"ގެ މަގާމު ހޯދި ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމު ހަވާލުކޮށްދެއްވީ ވެސް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާފައެވެ. މި ހަފުލާގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އާއި، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މިއީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި، ޒުވާން ކުޅުންތެރިންގެ ހުނަރުތައް ތަރައްގީކުރުމަށް ނެޓްބޯލް އެސޯސިއޭޝަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. މީގެ ކުރިން "އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި މުބާރާތް މިއަހަރު ބާއްވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން 15އަހަރުން ދަށުގެ އުމުރުފުރާގައި 14ޓީމު ވާދަކުރާއިރު، 17އަހަރުން ދަށުގެ އުމުރުފުރާގައި 11ޓީމު ވާދަކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.