ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަތޮޅު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ފޮޓޯ:ކްލަބް މޯލްޑިވްސް
ޝެއާ ކުރޭ Facebook Telegram Viber X

އެފްއޭއެމްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް"ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިދިޔަ މެއި މަހުގެ 13ވަނަ ދުވަހު ރަޖިސްޓްރީވުމަށް ހުޅުވާލި މި މުބާރާތުގައި މިހާތަނަށް ރާއްޖޭގެ 50ރަށަކުން ވަނީ ބައިވެރިވެފައެވެ.

އަންނަ ޖުލައި މަހުގެ 27ގައި ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތް ކުރިއަށްދާނީ 20އަތޮޅެއްގެ އިތުރުން މާލޭ ރީޖަންގައެވެ. އެފްއޭއެމްއިން ބުނި ގޮތުގައި އަތޮޅު މުބާރާތްތައް ބާއްވާނެ ރަށްތައް ކަނޑައަޅާނީ ޓީމުތައް ބައިވެރިވާ އަދަދަށް ބަލައި، ހޯސްޓް ކުރާނެ ވަކި ރަށެއް ނުވަތަ ރަށްތަކެއް ކަނޑައަޅައިގެންނެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕުން ފުރުސަތު ލިބޭނެއެވެ.

ޒޯން ޗެމްޕިއަންޝިޕަކީ ރީޖަނަލް ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނެވެ. ކޮންމެ ޒޯނަކުން އެންމެ މޮޅު ދެ ޓީމު ރީޖަނަލް މުބާރާތަށް ހޮވޭއިރު، ރީޖަންތަކުގެ ޗެމްޕިއަން ޓީމުތައް ކޮލިފައިވާނީ އެފްއޭއެމް ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށެވެ. މި ގޮތުން ގައުމީ މުބާރާތަށް ދާ ހަތަރު ޓީމަށް 2027ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްސަލް ލީގުން ޖާގަ ލިބޭނެ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 7,000ރުފިޔާ ކަނޑައަޅާފައިވާއިރު، އަތޮޅު ޗެމްޕިއަންޝިޕްގައި ކުޅޭ ދިވެހި ކުޅުންތެރިންނަކީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށް ވާންޖެހެއެވެ. ނަމަވެސް ކޮންމެ ޓީމަކަށްވެސް ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޒޯން ނުވަތަ ރީޖަނަލް މުބާރާތަށް ކޮލިފައިވާ ޓީމުތައް އަލުން ލިސްޓު ހުށަހަޅާއިރު، އެ މަރުހަލާގައި ބިދޭސީ ކުޅުންތެރިއެއްގެ އިތުރުން ރަށުން ބޭރު އެއް ދިވެހި ކުޅުންތެރިއަކު ޓީމުގައި ހިމެނިދާނެއެވެ.

އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކްލަބު މޯލްޑިވްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕަކީ ރާއްޖޭގެ ފުޓްސަލްގެ އެއްވަނަ ޑިވިޝަނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މުބާރާތް ރާއްޖޭގެ ރަސްމީ ފުޓްސަލް ލީގަކަށް ބަދަލުކުރުމަކީ އެފްއޭއެމްގެ ވިސްނުމެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު