ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

16 އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިވެ ޕެރަގުއާއީން ހާއްސަ ކާމިޔާބީއެއް ހޯދައިފި: އަލްފާރޯ

ޝެއާ ކުރޭ Facebook Telegram Viber X

16އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައިގެން ޕެރަގުއާއީގެ ކުޅުންތެރިން މިހާރުވެސް ހާއްސަ ކަމެއް ހާސިލްކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނެފިއެވެ.

ނަމަވެސް، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ވާހަކަދައްކަމުން އަލްފާރޯ ބުނީ، ޕެރަގުއާއީން މުބާރާތަށް އައީ ހަމައެކަނި ކޮލިފައިވުން ފާހަގަކުރަން ނޫން ކަމަށާއި، ބޭނުމަކީ ވާދަވެރި ކުޅުމެއް ދައްކައި ކާމިޔާބީ ހޯދުން ކަމަށެވެ.

ރާއްޖޭ ގަޑިން މާދަމާ ހެނދުނު 6:00ގައި އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗަކީ 2010ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި ޕެރަގުއާއީ ކުޅޭނެ ފުރަތަމަ މެޗެވެ. ކޯޗު އަލްފާރޯ ފާހަގަކުރި ގޮތުގައި، ގައުމީ ޓީމު ވޯލްޑް ކަޕްގައި ކުޅޭތަން ދެކެން އެ ގައުމުގެ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. އަދި މި ހިސާބަށް އައުމަށް ކުޅުންތެރިން ވަރަށް އުނދަގޫ ދަތުރެއް ކަޑައްތުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ޓީމުގެ މުހިންމު ފޯވާޑް ހޫލިއޯ އެންސީކޯއަށް ނިކަރާގުއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ލިބުނު އަނިޔާއިން ރަނގަޅުވަމުން އަންނައިރު، އޭނާގެ ފިޓްނަސް އެންމެ ފަހު ވަގުތާ ޖެހެންދެން ބަލާނެ ކަމަށް ކޯޗު ބުންޏެވެ. މި މުބާރާތަކީ ކުޅުންތެރިންނަށް ބޮޑު ޒިންމާއެއް އޮތް މުބާރާތެއްކަން ހާމަކުރަމުން އަލްފާރޯ ބުނީ، ޕެރަގުއާއީގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިނުމާ ބެހޭގޮތުން ވާހަކަދައްކަމުން މެދުތެރެއަށް ކުޅޭ ޑިއޭގޯ ގޯމޭޒް ފެންކަޅިވި ކަމަށެވެ. ޕެރަގުއާއީ އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނުއިރު ގޯމޭޒްގެ އުމުރަކީ އެންމެ ހަތް އަހަރެވެ.

އެމެރިކާ މެޗަށް ތައްޔާރުވުމުގެ ގޮތުން ޕެރަގުއާއީން އެންމެ ފަހުގެ ފަރިތަކުރުންތައް ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ގެންދިޔައީ ކެލިފޯނިއާގެ ސެން ހޯޒޭ ސްޓޭޓް ޔުނިވަރސިޓީގައެވެ. މި މެޗަށް ޕެރަގުއާއީން ނުކުންނަނީ އަންޑަރޑޯގުންގެ ގޮތުގައި ނަމަވެސް، އެ ޓީމުގެ ރޭވުމަކީ ވަރުގަދަ ޑިފެންސެއް ކޮށްގެން އެމެރިކާގެ ފޯވާޑް ލައިން ހުއްޓުވައި، ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދުމެވެ.

ގްރޫޕް ޑީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅެނީ 17ވަނައިގައި އޮތް އެމެރިކާއެވެ. ޕެރަގުއާއީ ރޭންކިންގެ 41ވަނައިގައި އޮތްއިރު، މި ގްރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިއާ އާއި ތުރުކީޔޭއެވެ. އެމެރިކާއިން ވަނީ ޕެރަގުއާއީއާ ދެކޮޅަށް ކުޅުނު ފަހު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 2-1އިން އެމެރިކާ މޮޅުވި މެޗު ހިމެނެއެވެ. މީގެ އިތުރުން، 1930ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ވޯލްޑް ކަޕްގައިވެސް މި ދެ ގައުމު ބައްދަލުކޮށް ކުރިހޯދީ އެމެރިކާއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު