ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު މި ހޫނު މޫސުމުގައި ސައުދީ ޕްރޯ ލީގާ ގުޅުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ނަމަވެސް މިއީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމައެވެ.
މިސްރުގެ ލެޖެންޑް އެންފީލްޑްގައި ހޭދަކުރި ކާމިޔާބު އަށް އަހަރަށް ފަހު ، އެގްރީމެންޓްގެ މުއްދަތުގެ 12 މަސް ކުރިން އޭނާ ދޫކޮށްލުމަށް ކްލަބުން ވަނީ އެއްބަސްވެފައެވެ.
ސަލާހު ފުރަތަމަ ބެލެވުނީ 2024-25 ވަނަ އަހަރުގެ ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށްފަހު ރެޑްސް ދޫކޮށް ދާނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ ކްލަބްގެ އަނެއް ލެޖެންޑް ވާޖިލް ވެން ޑައިކްއާ އެކު ބޮޑު މުސާރައެއް ލިބޭ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެން ނަމަވެސް، 2025-26ވަނަ އަހަރުގެ ސީޒަނުގައި ސަލާހަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ޕްރިމިއާ ލީގުގެ ފަހު ދުވަހު ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ 1-1އިން އެއްވަރުވި މެޗަށް ފަހު ލިވަޕޫލްގައި އޭނާ ހޭދަކުރި ފާހަގަކޮށްލެވޭ ކެރިއަރު ވަނީ ރަސްމީކޮށް ނިމުމަކަށް އައިސްފައެވެ.
މުހައްމަދު ސަލާހު އެންމެ ފަހުން ސައުދީ ޕްރޯ ލީގާ ގުޅެނީ ހެއްޔެވެ؟
ވޭތުވެދިޔަ ޓްރާންސްފާ ބާޒާރުތަކުގައި ސަލާހަކީ ސައުދީ ޕްރޯ ލީގުން އެންމެ ބޮޑަށް ހޯދަން ބޭނުންވި އެއް ކުޅުންތެރިޔާއެވެ. އެކަމަކު އޭނާ އަބަދުވެސް އިސްކަންދިނީ ލިވަޕޫލްގައި މަޑުކުރުމަށެވެ.
ނަމަވެސް، އޭނާ މިހާރު ވަނީ އެންފީލްޑް ދޫކޮށްލައިފައެވެ. އުމުރުން މިހާރު 33 އަހަރުވެފައިވާތީ، ޔޫރަޕްގެ ގިނަ ކްލަބްތަކުން އޭނާއަށް ބޮޑު މުސާރައެއް ދޭން ފަސްޖެހޭނެއެވެ. ހާއްސަކޮށް ވޭތުވެދިޔަ ސީޒަނުގައި އޭނާއަށް ޕްރިމިއާ ލީގުގައި ޖެހުނީ އެންމެ ހަތް ގޯލް ކަމަށްވާތީއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، މީގެ 12 މަސް ކުރިން އޭނާ ޕީއެފްއޭ ޕްލޭޔާ އޮފް ދަ އިޔާގެ އެވޯޑް ހޯދި ނަމަވެސް، ސަލާހުގެ ދެން އޮތް އެންމެ އެކަށީގެންވާ ފިޔަވަޅަކީ ސައުދީ އަރަބިއްޔާ ނުވަތަ އެމްއެލްއެސްއަށް ބަދަލުވުން ކަމަށް ވެދާނެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ލިވަޕޫލުން މިހާރު ވަނީ ސަލާޙްގެ ޓްރާންސްފަރގެ ކަންކަމަށް ހުއްދަ ދީފައެވެ. ނަމަވެސް ސައުދީގެ ހުށަހެޅުންތައް ލިވަޕޫލުން އޭނާއަށް ލިބޭ މުސާރައާ ބަލައި ކުޑަކަމަށް ވާތީ އޭނާ ވަނީ ޝަރުތުތަކެއް ކަނޑައަޅައިފައެވެ.
"ސަލާހު ވަނީ އޭނާގެ މަގާމާއި މާކެޓް އަގާ އެކަށީގެންވާ އަހަރީ މުސާރައަކާއި މާލީ އިނާޔަތްތައް ހޯދުމަށް ޝަރުތުކޮށްފައެވެ. މީގެ އިތުރުން އޭނާގެ ކެރިއަރުގެ ދެން އޮތް މަރުހަލާގައި ހަމަޖެހުން ކަށަވަރު ކުރުމަށް ޓަކައި ދެ ނުވަތަ ތިން ސީޒަނުގެ މުއްދަތަށް ދެމިގެންދާ އެއްބަސްވުމެއްގައި ސޮއިކުރުން ވެސް ހިމެނެއެވެ. މިސްރުގެ ތަރި ވަނީ ތިންވަނަ ޝަރުތެއް ވެސް ކަނޑައަޅައިފައެވެ. އެއީ ހަމައެކަނި ކުޅެލުމުގެ ބަދަލުގައި، ބޮޑެތި ތަށިތަކާއި މުބާރާތްތަކަށް ވާދަކުރެވޭ ފަދަ ޓީމެއް އޮތް ކްލަބަކަށް ބަދަލުވުމެވެ." ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.