މެލޭޝިއާގައި މިހާރު ކުރިއަށްދާ 38 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް މާސްޓާސް އެތްލެޓިކްސް ޗެންޕިއަންޝިޕްގެ ފުރަތަމަ ދުވަހު ރާއްޖޭގެ މާސްޓާސް އެތްލެޓިކްސް ޓީމުން ތިން ރަން މެޑަލް ހާސިލްކޮށް، މުބާރާތުގައި ފާހަގަކޮށްލެވޭ ފެށުމެއް ހޯދައިފިއެވެ.
އިއްޔެ ހެނދުނު ފެށި މި މުބާރާތުގައި ރާއްޖެއިން ވަނީ ފުރަތަމަ ދުވަހު އެކަނި ވެސް ރަނާއި، ރިހި އަދި ލޯ މެޑަލް ހިމެނޭހެން ޖުމްލަ 12 މެޑަލް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ތިން އެތްލީޓުންނަކީ 45 އަހަރުންމަތީގެ އަންހެނުންގެ 200 މީޓަރު ދުވުމުން އެއްވަނަ ހޯދި ހުސްނާ މުހައްމަދާއި، 40 އަހަރުންމަތީގެ ފިރިހެނުންގެ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އަބްދުﷲ އަޒީޒްގެ އިތުރުން 55 އަހަރުންމަތީގެ ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ކެޓެގެރީން އެއްވަނަ ހޯދި މުހައްމަދު އާމިރްއެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން އެތްލީޓުންނަކީ 45 އަހަރުންމަތީގެ އަންހެނުންގެ 800 މީޓަރު ދުވުމުގައި ވާދަކުރި ހުސްނާ މުހައްމަދާއި، 35 އަހަރުންމަތީގެ ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި މުހައްމަދު ރަޝީދުގެ އިތުރުން 60 އަހަރުންމަތީގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ކެޓެގެރީގައި ވާދަކުރި ހުސްނާ މުހައްމަދުއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޓީމުން ލޯ މެޑަލް ހާސިލްކުރި އެތްލީޓުންނަކީ 35 އަހަރުންމަތީގެ ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި އިބްރާހިމް ފާރިޝްއާއި، 55 އަހަރުންމަތީގެ އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި ނާފިޒާ އަހްމަދާއި، 40 އަހަރުންމަތީގެ އަންހެނުންގެ 800 މީޓަރު ދުވުމުގައި ވާދަކުރި ފާތިމަތު ޝަމްހާގެ އިތުރުން 40 އަހަރުންމަތީގެ ޑިސްކަސް ތްރޯ އިވެންޓުގައި ވާދަކުރި ހަސަން ޝަމްއޫންއެވެ.
ޕްޓްރާޖަޔާ މެލޭޝިއާ ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 5އިން 7ގެ ނިޔަލަށެވެ. މި ފަހަރުގެ 38ވަނަ މެލޭޝިއަން އިންޓަނޭޝަނަލް މާސްޓާސް އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ރާއްޖެ ހިމެނޭހެން ޖުމްލަ 40 ޓީމަކުން ވާދަކުރަމުންދެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.