ކ. ދިއްފުށީގައި މިއަދު ނިމިގެންދިޔަ ރާރާ ޕްރޯ 2026ގެ ފްރީސްޓައިލް ޑިވިޝަންގެ ފައިނަލް ކާމިޔާބުކޮށް، މި ކެޓަގަރީގެ އެންމެ ފުރަތަމަ ޗެމްޕިއަންގެ ޝަރަފު ހަސަން މާހިރު (ހަންޓޭ)ހޯދައިފިއެވެ.
މިއީ ރާރާ ޕްރޯ މުބާރާތުގައި ފްރީސްޓައިލް ޑިވިޝަން ހިމަނައިގެން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.
ފޯރިގަދަ ފައިނަލް ހީޓުގައި ބ. ގޮއިދޫގެ ކަލްސަސް ޓީމަށް ނިސްބަތްވާ ހަންޓޭ ޗެމްޕިއަންކަން ހޯދީ ޖުމުލަ 19.17ގެ ސްކޯއަކުންނެވެ. މި ހީޓުގެ ބޮޑު ބައެއްގައި ކުރީގައި އޮތީ މުހައްމަދު ރާއިފް ޝަނީޒް (ރާއިއްޕެ)އެވެ. ނަމަވެސް، ހަންޓޭ އެއްވަނަ ހޯދީ އެންމެ ފަހު ޓްރިކުން ކުރި ހޯދައިގެންނެވެ. ރާއިއްޕެއަށް 14.80ގެ ސްކޯއެއް ލިބުނުއިރު، ތިންވަނައަށް ދިޔަ މަމްނޫން ނިޔާޒް (މަންނު)ވެސް ވަނީ 13.00ގެ ސްކޯއަކާއެކު ރަނގަޅު ވާދައެއް ކޮށްފައެވެ.
މި ފައިނަލަށް ހަންޓޭ ދަތުރުކުރީ ސެމީ ފައިނަލުގައި އޭޝިއާގެ އެންމެ ވަރުގަދަ އެއް ރައިޑަރު ކަމަށްވާ ނަރަޕިޗިޓް ޕުޑްލާ (ޔޯ)ބަލިކުރުމަށްފަހުއެވެ. މިއީ ރާރާ ޕްރޯގައި ހަންޓޭ ހޯދި ފުރަތަމަ ކާމިޔާބީއެއް ނޫނެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ރޭސިން އިވެންޓްގެ ޗެމްޕިއަންކަން ހޯދައި، އެ ބައިގެ ވެސް ފުރަތަމަ ޗެމްޕިއަންގެ ޝަރަފު ހޯދާފައެވެ. މިއަހަރުގެ ރޭސިން ޑިވިޝަނުން ހަންޓޭއަށް ލިބުނީ ދެވަނައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.