މާލޭގެ އެކުވެނި ސިންތެޓިކް ޓްރެކުގައި މި މަހުގެ 10އިން 15އަށް ބޭއްވި ރާއްޖޭގެ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 20އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު ދުވުންތެރިންގެ ފަޚުރުވެރި މަގާމު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އަތޫފް މުޙައްމަދު އާތިފް އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ ހައްވާ ޖަދުވާ މުސްޠަފާ ކާމިޔާބުކޮށްފިއެވެ.
ޖުމްލަ 866ކުދިންނާއެކު (499ފިރިހެން އަދި 367އަންހެން)ވާދަވެރިކަމާއެކު ނިމިގެންދިޔަ މި މުބާރާތުގައި އަތޫފް އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ 100މީޓަރުގެ ދުވުމާއި ލޯންގް ޖަމްޕުން ރަން މެޑަލް، އަދި 200މީޓަރުން ލޯ މެޑަލް ހޯދައިގެންނެވެ. ހަމައެއާއެކު، އަންހެން ބައިގެ އެއްވަނަ ޖަދުވާ ހާސިލުކުރީ 200މީޓަރާއި 400މީޓަރުގެ ރޭހުން އެއްވަނަ ހޯދައި ރަން މެޑަލް ކަރުގައި އަޅުވައިގެންނެވެ. މި އުމުރުފުރާގެ ފިރިހެން ޓީމު އިވެންޓްތަކުގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ނެގިއިރު، އަންހެން ޗެމްޕިއަންކަން ހޯދީ ސީއެޗްއެސްއީއިންނެވެ.
މުބާރާތުގެ 18އަހަރުން ދަށުގެ ކެޓަގަރީއަށް ބަލާއިރު، ދެ ޖިންސުގެ ޗެމްޕިއަންކަންވެސް ހޯދާފައި ވަނީ ސީއެޗްއެސްއީ މާލެއިންނެވެ. މި އުމުރުފުރާގެ ފިރިހެން އެއްވަނަ އެތުލީޓުގެ މަގާމު އެ ސްކޫލުގެ ރާއިފް މުޙައްމަދު ހޯދީ ހައިޖަމްޕާއި ލޯންގް ޖަމްޕުން ރަން މެޑަލް އަދި 800މީޓަރުން ރިހި މެޑަލް ހޯދައިގެންނެވެ. އަދި އަންހެން އެއްވަނަ އެތުލީޓަކަށް ހޮވުނު އެ ސްކޫލުގެ އައިމިނަތު ލުޙްޔާ އަޙްމަދު ވަނީ 200އަދި 400މީޓަރުން ރަން މެޑަލް ހޯދުމުގެ އިތުރުން ލޯންގް ޖަމްޕުން ލޯ މެޑަލް ހާސިލުކޮށްފައެވެ.
މީގެ އިތުރުން، 16އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަޙްމަދު އަލޫފް ހޮވުނުއިރު، އަންހެން އެއްވަނަ ލިބުނީ އައިމިނަތު ނީމް މުޙައްމަދަށެވެ. ނީމް ވަނީ 80މ ހާޑަލްސް އަދި ހައިޖަމްޕުން ރަން މެޑަލް ގެނެސްދީފައެވެ. މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހުރަވީ ސްކޫލް އަދި އަންހެން ޗެމްޕިއަންކަން ގިޔާސުއްދީނުން ހޯދިއިރު، އެންމެ ހަގު ކެޓަގަރީ ކަމަށްވާ 14އަހަރުން ދަށުގެ ދެ ޖިންސުގެ ޗެމްޕިއަންކަން ވެސް ހޯދީ ރެހެންދި ސްކޫލުންނެވެ. މި އުމުރުފުރާގެ އަންހެން އެއްވަނަ އެތުލީޓަކަށް ހުރަވީގެ އައިޝަތު ލީމް ހޮވުނުއިރު، ފިރިހެން އެއްވަނަ ލިބުނީ ރެހެންދީގެ ޝަޔާން އަސްލަމަށެވެ.
ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން 33ޓީމަކުން 95އިވެންޓެއްގައި ވާދަކުރި މި ފޯރިގަދަ މުބާރާތަކީ ގައުމީ އެތުލެޓިކްސް ޓީމަށް ބޭނުންވާ އައު ހުނަރުވެރިން އުފައްދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.