މި މަހުގެ 9އިން 10އަށް ކުޑަގިރީގައި ކުރިއަށްދިޔަ 17ވަނަ ގައުމީ ދިގު ފެތުމުގެ މުބާރާތުގައި މޮޅު ހުނަރުތަކެއް ދައްކައި، މުބާރާތުގެ ސީނިއަރ ޗެމްޕިއަންކަން ޝައިމް ހުސައިން އިބްރާހީމް އަދި އަލްޔާ އަޝްރަފް ކާމިޔާބުކޮށްފިއެވެ.
ފިރިހެނުންގެ 5ކިލޯމީޓަރުގެ ރޭހުން ޝައިމް ރަން މެޑަލް ހާސިލުކުރިއިރު، މި ކެޓެގަރީގެ ރިހި މެޑަލް ލިބުނީ ޔޫސުފް ޒިޔާން ޒާހިދަށެވެ. އަދި ލޯ މެޑަލް ހޯދީ އަޙްމަދު މަންހާލް އާޒިމެވެ. ހަމައެކަނި ދެ ފެތުންތެރިންނާއެކު ކުރިއަށްދިޔަ އަންހެނުންގެ 5ކިލޯމީޓަރުގެ ރޭހުން އަލްޔާ އެއްވަނަ ހޯދިއިރު، ދެވަނަ މަގާމަށް ދިޔައީ ލައިބާ ހަސަން މަނިކެވެ.
މީގެ އިތުރުން، މި މުބާރާތުގެ ޖޫނިއަރ ބައިން ފިރިހެން ކުދިންގެ ޗެމްޕިއަންކަން އިބްރާހީމް ޔުއާން ޝަމީމް ހޯދާފައިވާއިރު، އަންހެން ކުދިންގެ ޗެމްޕިއަންކަން ކަށަވަރުކުރީ މަރިޔަމް އައިރާ ޝިރްނީލެވެ. ޖޫނިއަރ ފިރިހެން ބައިގެ ދެވަނައަށް މިކާއިލް ލައެލް އަބްދުލް އަލީމް އަދި ތިންވަނައަށް އިސްމާޢީލް ޒިވަން މުޙައްމަދު ދިޔައިރު، އަންހެން ބައިގެ ދެވަނަ ލިބުނީ އާމިނަތު ޝިޔުމް ޝިހާމަށެވެ. އަދި ތިންވަނަ މަގާމު ހޯދީ އައިޝަތު ޒޯހާ ޢަބްދުﷲ ނަސީމެވެ.
ޓީމުތަކުގެ މެދުގައި ބޭއްވުނު ރިލޭ އިވެންޓުގެ އެއްވަނަ މަގާމު މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ "ޓައިޑް ބްރޭކަރސް"އިން ހޯދިއިރު، ދެވަނަ ހޯދީ "ޓީމު އޭ"އިންނެވެ. އަދި ތިންވަނަ ލިބުނީ ލައިފްގާޑް އެސޯސިއޭޝަންގެ އަނެއް ޓީމު ކަމަށްވާ "ބޯވަ ސްކޮޑް"އަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ މުބާރާތުގައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އީއޭޑީ ކެޓެގަރީގެ ނަމުގައި އައު ބައެއް ވެސް ތައާރަފުކޮށް، އެ ކުދިންނަށް ފުރުސަތު ފަހިކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.