ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުޓުބޯޅައާއި ފުޓްސެލް އަދި ބީޗް ފުޓުބޯޅަ ކުރިއެރުވުމަށް ޖަޕާން އެފްއޭއާ އެކު މަޝްވަރާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގައި ފުޓުބޯޅައިގެ އިތުރުން ފުޓްސެލް އަދި ބީޗް ފުޓުބޯޅަ ކުރިއަރުވައި ތަރައްގީކުރުމާ ގުޅޭގޮތުން ޖަޕާނު ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) އާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު މަޙްލޫފް އެ ގައުމުގެ ފުޓުބޯޅަ އިދާރާއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު މަޙްލޫފް ވިދާޅުވީ، ރާއްޖޭގައި މި ތިން ކުޅިވަރު މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ޓަކައި ޖަޕާނު އެފްއޭގެ ފަރާތުން ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. މީގެ އިތުރުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ޖޭއެފްއޭއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމުގައި ޖަޕާނަކީ އަބަދުވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ގައުމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެ ގައުމުން ކެނޑިނޭޅި ދެމުންދާ އެހީތެރިކަމަށްޓަ ކައި ސަފީރު ވަނީ ޖަޕާނަށް އިޚްލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ޖޭއެފްއޭގެ ރައީސް އަދި ޖަޕާނުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސުނެޔާސޫ މިޔާމޯޓޯއާ ބައްދަލުވުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަމަށް މަޙްލޫފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2026ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގައި ޖަޕާނަށް ފުރިހަމަ ކާމިޔާބީއަކަށް ސަފީރު ވަނީ އެދިވަޑައިގެންފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު