ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ހަރަކާތްތަކަށް ހާއްސަކުރި ފީފާ ވިންޑޯއާ ގުޅިގެން 19ދުވަހުގެ މެދުކެނޑުމަކަށް ފަހު، ދިވެހިރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިވެހި ލީގުގެ ކުޅުން އަންނަ ހުކުރު ދުވަހު މާލެއާއި އަތޮޅުތެރޭގައި އަލުން ފަށަން ތާވަލުކޮށްފިއެވެ.
މުބާރާތުގެ ކުޅުން އަލުން ފަށާއިރު، ފުރަތަމަ ކުރިމަތިލުމެއްގެ ގޮތުގައި ހުކުރު ދުވަހުގެ ހަވީރު 4:30ގައި ގަލޮޅު ރަސްމީ ދަނޑުގައި ނުކުންނާނީ ބިސްބުރު ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ. ހަމަ އެ ދުވަހުގެ ރޭގަނޑު 9:00ގައި ކުޅޭ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނީ ގައްދޫ ރެކްރިއޭޝަން ކްލަބެވެ. މިއީ ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅޭ މި ލީގުގައި ގައްދޫ ޓީމުން މާލޭގައި ކުޅޭނެ ފުރަތަމަ މެޗެވެ. މީގެ ކުރިން އަމިއްލަ ރަށުގައި ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.
ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ހަވީރު 4:00ގައި ފޯރިގަދަ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ގަލޮޅު ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ވިކްޓަރީ ސްޕޯޓްސް ކްލަބް ނުކުންނައިރު، ހަމަ އެ ވަގުތު ދިއްދޫގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެ ރަށުގެ ޓީމާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. މިއީ ދިއްދޫ ޓީމުން އަމިއްލަ ފަސްގަނޑުގައި ކުޅޭ ފުރަތަމަ މެޗަށް ވާއިރު، ނިއުރޭޑިއަންޓުން ރަށުން ބޭރުގައި ކުޅޭނެ ދެވަނަ މެޗެވެ. މީގެ އިތުރުން، އާދީއްތަ ދުވަހުގެ ރޭ ކްލަބް އީގަލްސްއާއި ޓީސީ ސްޕޯޓްސް ކްލަބްގެ ކުރިމަތިލުމެއް ވެސް އޮންނާނެއެވެ.
ބްރޭކަށް ލީގު މެދުކަނޑާލިއިރު، ތާވަލުގެ ކުރީގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ވިކްޓަރީއެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ދެވަނައިގައި އީގަލްސް އޮތްއިރު ތިންވަނައިގައި އޮތީ ނިއުރޭޑިއަންޓެވެ. ތިން ޕޮއިންޓާ އެކު އޮޑި، މާޒިޔާ، ދިއްދޫ، ބިސްބުރު އަދި ޓީސީ ތަރުތީބުން ހަތަރުވަނައިން ފެށިގެން އަށްވަނައިގައި އޮތްއިރު، މިހާތަނަށް ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައި އޮތީ ބުރު އަދި ގައްދޫއެވެ. ޓީމުތަކުގެ ރޭންކިން ކަނޑައަޅާފައިވަނީ ޕޮއިންޓް އެއްވަރުވުމުން ޖަހާފައިވާ ލަނޑުގެ ތަފާތަށް ރިއާޔަތްކޮށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.