ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އައިރާ , ބުރަކޮށް މަސައްކަތްކުރާ އުއްމީދީ އެތުލީޓެއް!

ޝެއާ ކުރޭ Facebook Telegram Viber X

ކުޅިވަރުގެ އާއިލީ ފަސްގަނޑެއް ނެތް ނަމަވެސް، އުމުރުން އެންމެ 13އަހަރުގެ އައިރާ މުހައްމަދު އަރުޝަދަކީ މިއަދު ދުވުމާއި ބާސްކެޓްބޯޅައިގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓެކެވެ.

ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8ގައި ކިޔަވަމުން އަންނަ އައިރާގެ އެންމެ ބޮޑު އަޒުމަކީ ކިޔެވުމާ އެކު ކުޅިވަރުގެ މައިދާނުން އެންމެ މަތީ ހަރުފަތަށް ވާސިލުވުމެވެ.

އައިރާގެ ދުވުމުގެ ހުނަރު އެންމެ ފުރަތަމަ ފާހަގަވާން ފެށީ މީގެ ތިން އަހަރު ކުރިން، އުމުރުން 10އަހަރުގައި ވާދަކުރި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުންނެވެ. އަމިއްލަ ޝައުގުވެރިކަމާ އެކު ދުވުމުގެ ތެރެއަށް ވަދެ އޭނާ ވަނީ ކުރު މުއްދަތެއްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު ރޯޑް ރޭހުގައި ވާދަކޮށް، އޭނާގެ އުމުރުފުރާއިން ހޯދި ކާމިޔާބީއަކީ އައިރާގެ ކެރިއަރުގައި މިހާތަނަށް އެންމެ ހާއްސަ ކާމިޔާބީއެވެ.

ކިޔެވުމާއި ކުޅިވަރު އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް އައިރާ ގެންގުޅެނީ ވަރަށް ތަރުތީބު ވަގުތު ކޮޅެކެވެ. ސްކޫލަށް ދިއުމުގެ ކުރިން ހެނދުނު ޖިމް ސެޝަންތައް ފުރިހަމަކުރާއިރު، ހަށިގަނޑަށް ބޭނުންވާ އަރާމާއި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް އޭނާ ހާއްސަ ސަމާލުކަމެއް ދެއެވެ. ބޮޑެތި ރޭސްތަކަށް ތައްޔާރުވުމުގައި ޖިސްމާނީ އަރާމުގެ އިތުރުން، ނަފުސާނީ ގޮތުން އުފެދޭ ހާސްކަން އުފާވެރިކަމަށް ބަދަލުކޮށްލުމަކީ އައިރާ ގެންގުޅޭ އުކުޅެކެވެ.

ދުވުމުގެ މައިދާނުގައި އައިރާ ތައްޔާރުކޮށްދެނީ ގްލޯފިޓް ޖިމްގެ ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ ބޮޑުދައިތަ މާއިދަތުއެވެ. ކޯޗުގެ ފަރާތުން ލިބޭ އެންމެ އަގުހުރި ނަސޭހަތަކީ ސާބިތުކަމާ އެކު ދެމިހުރުމާއި ކުރާ މަސައްކަތަށް އިތުބާރު ކުރުމެވެ. އަލަށް ކުޅިވަރަށް ނުކުންނަ ކުދިންނަށް އައިރާ ދޭން ބޭނުންވާ މެސެޖަކީ ވެސް އެއީއެވެ.

"އަމިއްލަ ޖާނީ އެހެން މީހުންނާ އަޅާނުކިޔުން. ކުރާ މަސައްކަތަށް އިތުބާރުކޮށް ސާބިތުކަމާ އެކު ދެމިހުރުން. އޭރުން އެކަށީގެންވާ ވަގުތުގައި ރަނގަޅު ނަތީޖާ އަބަދުވެސް ފެންނާނެ"އައިރާ ބުންޏެވެ.

ދުވުމުގެ ސަބަބުން ލިބުނު ފިޓްނަސް އާއި ކެތްތެރިކަމުގެ ސަބަބުން، އައިރާގެ މައިގަނޑު ކުޅިވަރު ކަމަށްވާ ބާސްކެޓްބޯޅައިން ވެސް އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އަލީ އިޝާމް (ބަނީ)ގެ އިރުޝާދުގެ ދަށުން ތަމްރީނުވަމުން އަންނަ އައިރާގެ އެންމެ ބޮޑު ހުވަފެނަކީ ގައުމީ ޓީމުން ޖާގަ ހޯދުމެވެ. އައިރާގެ މަންމަ ބުނި ގޮތުގައި، އޭނާގެ އަމާޒަކީ ބާސްކެޓްބޯޅައިން އާ އުސްމިންތަކަކަށް ވާސިލުވެ، ގައުމީ ޓީމަށް ކުޅުމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު