ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެޓްރިކްސްއިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

25ވަނަ މައިލޯ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައި، ކުލަބު މެޓްރިކްސްއިން ޖެހިޖެހިގެން ހަވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު މެޓްރިކްސްއިން ކާމިޔާބުކުރީ 51-20 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މިއީ މިއަހަރުގެ ގައުމީ ނެޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކުރި މެޓްރިކްސްއިން މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެޓީމުން ވަނީ 2020، 2022، 2023، 2024 އަދި 2025 ވަނަ އަހަރު ވެސް މި ތަށި އުފުލާލާފައެވެ. ކޮވިޑް-19އާ ގުޅިގެން 2021 ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

މިރޭގެ ފައިނަލް މެޗުގައި މެޓްރިކްސްގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެކެވެ. ފުރަތަމަ ކުއާޓާ އެޓީމުން ނިންމާލީ 13-5އިން ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާގައި މެޓްރިކްސްއިން އިތުރު 14 ޕޮއިންޓް ހޯދިއިރު، ގްރީން ސްޓްރީޓްސްއަށް ހެދިފައި ވަނީ އެންމެ 4 ޕޮއިންޓެވެ. ތިންވަނަ ކުއާޓާގައި ވެސް މެޓްރިކްސްއިން 15 ޕޮއިންޓް ހޯދައި ލީޑު ފުޅާކުރިއިރު، ގްރީން ސްޓްރީޓްސްއަށް ލިބުނީ 6 ޕޮއިންޓެވެ. ފޯރިގަދަ ކުޅުމެއް ފެނުނު ފަހު ކުއާޓާގައި މެޓްރިކްސްއިން 9 ޕޮއިންޓް އަދި ގްރީން ސްޓްރީޓްސްއިން 5 ޕޮއިންޓް ހޯދިއެވެ.

މި މުބާރާތުގެ ފައިނަލުން ކުލަބު މެޓްރިކްސް ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ސްޕޯޓްސް ކުލަބު ޝައިނިންގް ސްޓާރސް އަތުން 68-11ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ގްރީން ސްޓްރީޓްސް ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީ ފައިނަލުގައި އާޖީލް އަތުން 38-21އިން މޮޅުވެގެންނެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޓްރިކްސްގެ ހަމްނާ ޢަބްދުއްރަޙުމާނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ ޓޯނަމެންޓް"ގެ ޝަރަފު ހާސިލުކުރީ މެޓްރިކްސްގެ އާމިނަތު ފިރުޝާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް މެޓްރިކްސްގެ ނީޝާ ޙަލީމް ހޮވުނުއިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނީ ގްރީން ސްޓްރީޓްސްގެ އަލީޝާ ނޫރުލްސޮބާހްއަށެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކުލަބު މެޓްރިކްސްގެ ޖުނައިނާ އަހުމަދު އިސްހާގް، ހަމްނާ އަބްދުއް ރަހްމާން، އާމިނަތު ފިރުޝާ، އައިޝަތު ސަލީމް އަދި މަލަކް އިސްމާއިލް މުހައްމަދުގެ އިތުރުން ކުލަބު ގްރީން ސްޓްރީޓްސްގެ ލަޔާން އަލީ ރަޝީދު އަދި އައިޝަތު ރީމާ އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރުގެ މެއި 13އިން 21އަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި 15 ޓީމަކުން ވާދަކުރިއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅުނުއިރު، ކުއާޓާ ފައިނަލަށް ހޮވުނީ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު