ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް މި މަހު ފަށަނީ

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ 32ސްކޫލަކުން 850އަށް ވުރެ ގިނަ އެތުލީޓުންނާ އެކު، "ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް މި މަހުގެ 10ވަނަ ދުވަހު މާލޭގައި ފެށުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަޤިމް ވިދާޅުވީ، މުބާރާތް ކުރިއަށްދާ ދުވަސްވަރު އޯލެވެލް އިމްތިޙާނާ ދިމާވުމުގެ ސަބަބުން ފުދޭވަރަކަށް ގިނަ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ގެއްލިފައި ކަމަށެވެ. ޚާއްޞަކޮށް މި އަހަރަކީ ދެ ފަހަރެއްގެ މަތިން އޯލެވެލް އިމްތިޙާނުތައް ބާއްވަން ޖެހުނު އަހަރަކަށް ވުމުން، މުބާރާތް ރޭވުމުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިއީ އަދިވެސް ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ކުދިން ވާދަކުރާ އެއް މުބާރާތްކަން އޭނާ ޔަގީންކޮށްދެއްވިއެވެ.

މުބާރާތް ފެށުމަށް ޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މުޅި މުބާރާތުގެ ޝެޑިއުލް ފައިނަލްކޮށް ނިމޭނެކަމަށް މުންތަޤިމް ވަނީ ވިދާޅުވެފައެވެ.

ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ގައުމީ ފެންވަރުގައި ވާދަކުރާނެ މޮޅެތި އެތުލީޓުންތަކެއް އުފަންކުރުވާ މުހިންމު ހަރަކާތެކެވެ. ތާރީޚަށް ބަލާއިރު، މިހާރު ވެސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނޭ އެންމެ ކާމިޔާބު ގިނަ ކުޅުންތެރިންނަކީ އިންޓަރ ސްކޫލް މުބާރާތުގެ ތެރެއިން ވިދާލި ތަރިންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު