ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލަންކާ މާސްޓާސް މުބާރާތުގެ ފޮރިން ޗެމްޕިއަންކަން ރާއްޖެއިން ދިފާއުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ސްރީލަންކާގެ ސުގަތަދާސާ ސްޓޭޑިއަމްގައި 23 މެއި 2026އިން 24މެއި 2026އަށް ކުރިއަށްދިޔަ "12 ވަނަ މާސްޓާރސް އެނުއަލް އެތްލެޓިކްސް ޗެންޕިއަން ޝިޕް" ގެ ބެސްޓް ފޮރިން ނޭޝަންސް ޗެމްޕިއަންކަން ދިވެހިރާއްޖޭގެ މާސްޓާސް ޓީމުން ދިފާއުކޮށްފިއެވެ.

 ރާއްޖެއިން މި ޝަރަފުވެރި ވަނަ ހޯދީ ވަރުގަދަ އިންޑިއާ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ރާއްޖެ ހިމެނޭހެން ޖުމްލަ 660 އެތުލީޓުން ވާދަކުރި މި މުބާރާތުގައި މިއަހަރު ރާއްޖޭގެ ފަރާތުން 10 އެތުލީޓުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެން އެތުލީޓުންނާއި ހަތަރު އަންހެން އެތުލީޓުންނެވެ. ރާއްޖޭގެ ޓީމުން މުބާރާތް ނިންމާލީ ޖުމްލަ 21 މެޑެއްޔާ އެކުގައެވެ. އެއީ ހަ ގޯލްޑް މެޑަލް، އަށް ސިލްވާ މެޑަލް އަދި ހަތް ބްރޯންޒް މެޑަލް ހޯދައިގެންނެވެ.

މި މުބާރާތުގެ 35 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި މުހައްމަދު ރަޝީދު (މޯޑް) ވަނީ 1500 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން 800 މީޓަރާއި 5000 މީޓަރު ދުވުމުން ސިލްވާ މެޑަލް ހޯދާފައެވެ. އަދި 40 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި އަހުމަދު އަބްދުލް އަޒީޒް (ކެވިން) ބްރޯންޒް މެޑަލް ހޯދިއިރު، 45 އަހަރުން މަތީގެ ޕޯލް ވޯލްޓް އިވެންޓުގައި ވާދަކުރި އަހުމަދު އާމިރު ވެސް ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ. މީގެ އިތުރުން، 65 އަހަރުން މަތީގެ އުމުރުފުރާގެ 3000 މީޓަރު ދުވުމުން އަލީ މުހައްމަދު ބްރޯންޒް މެޑަލް ހޯދިއިރު، 55 އަހަރުން މަތީގެ 200 މީޓަރު ދުވުމުން ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ މުހައްމަދު އާމިރު ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

އަންހެން އެތުލީޓުންގެ ބަޔަށް ބަލާއިރު، 45 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި ހުސްނާ މުހައްމަދު (ހުސީ) ވަނީ 800 މީޓަރު ދުވުމުން ގޯލްޑް މެޑަލް، 400 މީޓަރުން ސިލްވާ މެޑަލް އަދި 1500 މީޓަރާއި 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދާފައެވެ. ހަމަ މި އުމުރުފުރާގައި ވާދަކުރި ފާތިމަތު ޝަމްހާ ވަނީ 5000 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން 800 މީޓަރާއި 1500 މީޓަރު ދުވުމުން ސިލްވާ މެޑަލް ހޯދާފައެވެ. އަދި 60 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި މޫމިނާ މުހައްމަދު ވަނީ 3000 މީޓަރާއި 1500 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން 200 މީޓަރާއި 100 މީޓަރު ދުވުމުން ސިލްވާ މެޑަލް ހޯދާފައެވެ.

މުބާރާތުގެ 55 އަހަރުން މަތީގެ އުމުރުފުރާގެ އަންހެން 400 މީޓަރު ދުވުމުން ނާފިޒާ އަހުމަދު (ނާފީ) ގޯލްޑް މެޑަލް ހޯދިއިރު، އޭނާ ވަނީ 1500 މީޓަރު ދުވުމުން ސިލްވާ މެޑަލް އަދި 300 މީޓަރު ހާޓަލްސް އިން ބްރޯންޒް މެޑަލް ހޯދާފައެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން އިންޑިވިޖުއަލް ޕާފޯމަންސް އެންމެ ރަނގަޅު ފިރިހެން އެތުލީޓަކަށް މުހައްމަދު އާމިރު ހޮވުނުއިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ނާފީއެވެ. މި އެވޯޑުތައް ހޮވާފައިވަނީ ކޮންމެ އެތުލީޓެއްގެ ވެސް އެންމެ މޮޅު އިވެންޓުގެ ނަތީޖާއަށް ބަލައި، ވޯލްޑް އެތުލެޓިކްސްގެ ޕޮއިންޓް ދޭ އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދި އެތުލީޓުންނަށް ބެސްޓް ޕާފޯމާ އެވޯޑް ދޭ އުސޫލުންނެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު