ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗުތަކަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ސްކޮޑުން ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާގެ ސަބަބުން ފުރުސަތު ގެއްލިއްޖެއެވެ.
ނިއު ރޭޑިއަންޓުގެ ފަރިތަކުރުންތަކުގައި އުޅެނިކޮށް ވައާތު ފައިގެ ކަކުލު ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ފައިސަލް ސްކޮޑުން ބާކީވިއިރު، ގައުމީ ޓީމުގެ ކެޕްޓަންކަން ކޯޗު އިސްތަވާން އުރްބާނީ ވަނީ އަލުން މާޒިޔާގެ ސަމޫހް އަލީ (ސަމުއްޓޭ)އަށް ހަވާލުކޮށްފައެވެ.
ފައިސަލްގެ ބަދަލުގައި މިފަހަރުގެ ސްކޮޑުން ޖާގަ ހޯދި ތިން ކީޕަރުންނަކީ މާޒިޔާގެ ހުސައިން ޝަރީފާއި، ވިކްޓަރީގެ މުހައްމަދު ޔާމީންގެ އިތުރުން އޮޑީގެ މުހައްމަދު އަޝްވާނެވެ. މީގެ ތެރެއިން އުމުރުން 28އަހަރުގެ އަޝްވާނަކީ މީގެ ކުރިން ކުރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގެ 25ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުނު ކީޕަރެކެވެ. ނަމަވެސް، މިއީ މިހާރުގެ ކޯޗު އުރްބާނީގެ އިރުޝާދުގެ ދަށުން އަޝްވާނާއި ޔާމީން ގައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ސީނިއާ ސްކޮޑުން މުޅިން އަލަށް ޖާގަ ލިބުނު އަނެއް ކުޅުންތެރިޔަކީ އޮޑީގެ އަބްދުﷲ އަރީނެވެ.
މިފަހަރުގެ ސްކޮޑުން ބައެއް މުހިންމު ކުޅުންތެރިންނަށް ފުރުސަތު ގެއްލިފައިވާއިރު، އޭގެ ތެރޭގައި ވިކްޓަރީގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް)ހިމެނެއެވެ. އަދި އާއިލީ ސަބަބަކާ ހުރެ ބައިވެރިވެވެން ނެތް ކަމަށް ބުނުމުން ވިކްޓަރީގެ ކެޕްޓަން ނާއިޒު ހަސަން (ދާދު)ވެސް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. މީގެ އިތުރުން، އަނިޔާގެ ސަބަބުން ވިކްޓަރީގެ ހަމްޒާ މުހައްމަދު (ހަމްޕް)އާއި މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން ސްކޮޑުން ބާކީވިއިރު، ނިއުގެ އީތަން އިބްރާހިމް ޒަކީ އަށް ފުރުސަތު ނުދިނީ އޭނާގެ ސްކޫލް އިމްތިހާން އޮތުމުން ކަމަށް ކޯޗު ހާމަކުރިއެވެ.
މިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ސްކޮޑުން ސަމޫހް ބާކީކުރީ އަނިޔާގެ މައްސަލަތަކުގެ އިތުރުން އަހުލާގީ މައްސަލައެއްގެ ސަބަބުން ކަމަށް ކޯޗު އުރްބާނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ. ނަމަވެސް، އޭނާއަށް ހެދުނު ގޯހުން ސަމޫހް ފިލާވަޅު ލިބިގަނެފައިވާ ކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ. މިފަހަރުގެ ސްކޮޑުގައި ވެސް އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ކްލަބުގެ ޖުމްލަ ނުވަ ކުޅުންތެރިއަކު ސްކޮޑުގައި ހިމެނެއެވެ.
ގައުމީ ޓީމު ރޭގެ ވަގުތެއްގައި ޗައިނާ އަށް ފުރާފައިވާއިރު، މި ބްރޭކްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޗޮންކިންގައި ހުންނަ ލޯންގްޝިންގް ސްޓޭޑިއަމްގައެވެ. އޭގެ ފަހުން، އަންނަ ހޯމަ ދުވަހު ކިރްގިޒްސްތާނާ ދެކޮޅަށް ކުޅޭ މެޗާއި، އަންނަ މަހުގެ އެއްވަނަ ދުވަހު ލުބުނާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ކިރްގިސްތާންގެ ބިޝްކެކްގައި ހުންނަ ދޯލެން ސްޓޭޑިއަމްގައެވެ.
ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިން:
- ހުސައިން ޝަރީފް (މާޒިޔާ).
- މުހައްމަދު އަޝްވާން (އޯޑީ ސްޕޯޓްސް ކްލަބް).
- މުހައްމަދު ޔާމީން (ވިކްޓަރީ ސްޕޯޓްސް ކްލަބް).
- ސަމޫހު އަލީ (މާޒިޔާ).
- އިބްރާހީމް އައިސަމް (މާޒިޔާ).
- ހައިޝަމް ހަސަން (މާޒިޔާ).
- އިބްރާހީމް މަހުދީ ހުސައިން (މާޒިޔާ).
- އަބްދުއްﷲ ލޫތު އިބްރާހީމް (މާޒިޔާ).
- އިބްރާހީމް ވަހީދު ހަސަން (އޯޑީ ސްޕޯޓްސް ކްލަބް).
- ތޯއިފް ގާސިމް (ބުރު ސްޕޯޓސް ކްލަބް).
- އަލީ ފާސިރު (ނިއު ރޭޑިއަންޓް).
- އަހުމަދު އައިހަމް (މާޒިޔާ).
- ހުސައިން ޝިފާއު ޔޫސުފް (ވިކްޓަރީ ސްޕޯޓްސް ކްލަބް).
- ހަސަން އީނާޒް (ޓީސީ ސްޕޯޓްސް ކްލަބް).
- ނިޝާމް މުހައްމަދު ރަޝީދު (މާޒިޔާ).
- އަމްދާން އަލީ (ނިއު ރޭޑިއަންޓް).
- އަރީން އަބްދުއްﷲ އިބްރާހީމް (ބުރު ސްޕޯޓްސް ކްލަބް).
- އަހުމަދު އައިހަމް (އޯޑީ ސްޕޯޓްސް ކްލަބް).
- މުޒްދާން ހަސަން (އޯޑީ ސްޕޯޓްސް ކްލަބް).
- ނައްސާހު އިބްރާހީމް ނާސިރު (މާޒިޔާ).
- އަހްޒަމް ރަޝީދު (އޯޑީ ސްޕޯޓްސް ކްލަބް).
- އަހުމަދު ނުއުމާން (އޯޑީ ސްޕޯޓްސް ކްލަބް).
- އަހުމަދު މާއިޝް ރަޝީދު (ވިކްޓަރީ ސްޕޯޓްސް ކްލަބް) .
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.