ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހަންޏާސްކަޕް ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އދ. ހަންޏާމީދޫގައި ކުރިއަށްދާ ފްލޯފިކްސް ހަންޏާސް ކަޕް 2026ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނެ ހަތަރު ޓީމަކީ ނެކްސަސް، ރިއަލިޓީ، މިޑްލް ކްރައުޑް އަދި ދަ ކްލަބްކަން ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ތާވަލުކޮށްފައިވާއިރު، ފުރަތަމަ މެޗުގައި މިޑްލް ކްރައުޑާއި ރިއަލިޓީ ކުރިމަތިލާނެއެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނެކްސަސްއާއި ދަ ކްލަބެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނެކްސަސް ސެމީއަށް ދަތުރުކުރީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕުގެ ފަހު މެޗުގައި ކަޓައްޕާ އެފްޓީގެ މައްޗަށް 11-2ގެ ތަފާތުބޮޑު ނަތީޖާއަކުން ނެކްސަސް ވަނީ ކުރިހޯދާފައެވެ. މި މެޗުގައި އެ ޓީމުގެ މިފްޒާލް އަބްދުއްނާސިރު ހަތަރު ގޯލު ކާމިޔާބުކުރިއިރު، ޝަނާން ރަޝާދު، އިބްރާހީމް ރިމާހް އަދި އަހްނަފް ޒާހިރު މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއެވެ. އަދި އަލީ އަހްލަމް ވެސް ވަނީ ގޯލެއް ޖަހާފައެވެ. ގްރޫޕް ބީގެ ދެވަނަ ޖާގަ ހަ ޕޮއިންޓާއެކު ހޯދީ ނެމިސް ސްޕޯޓްސް ކްލަބް 3-0އިން ބަލިކުރި ރިއަލިޓީންނެވެ.

މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި ބައްދަލުކުރި މިޑްލް ކްރައުޑާއި ދަ ކްލަބަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ދެ ޓީމު ކުޅުނު މެޗު 1-1އިން އެއްވަރުވެގެން ނިމުނުއިރު، ދަ ކްލަބް ސަލާމަތްކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޖަހައިދިނީ ޝުއައިދު ސައީދެވެ. ޕޮއިންޓްގެ ގޮތުން ދެ ޓީމު އެއްވަރުވި ނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ގްރޫޕް އޭގެ އެއްވަނަ ލިބުނީ މިޑްލް ކްރައުޑަށެވެ. މި ގްރޫޕްގައި ހިމެނޭ ޒިލެފީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން އަލްވަދާއު ކިޔާފައެވެ. ހަމައެހެންމެ، ގްރޫޕް ބީގައި ހިމެނުނު ނެމިސްއަށް ތިން ޕޮއިންޓް ލިބުނުއިރު، ކަޓައްޕާ މުބާރާތް ނިންމާލީ އެއްވެސް މެޗަކުން މޮޅުނުވެ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

ހަންޏާމީދޫގެ މުއައްސަސާތަކާއި ޒުވާނުން އަދި ކްލަބް މޯލްޑިވްސް ގުޅިގެން ހަތް ޓީމަކާއެކު މިއަހަރު ބާއްވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ. މިއަހަރުގެ މުބާރާތުގައި ކުރީގެ ޗެމްޕިއަނުން ކަމަށްވާ ލަކުޑި ޓީމާއި އެފްސީ ސްލޭޔާސް ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ނެކްސަސް އާއި މިޑްލް ކްރައުޑް ވަނީ އަނެއްކާ ވެސް ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. މި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް ލިބޭނީ 5،000ރުފިޔާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު