ސަރުކާރުގެ ކުންފުނިތަކާއި ދައުލަތް ހިއްސާވާ މުއައްސަސާތަކުގެ މެދުގައި ބާއްވާ 3x3 ބާސްކެޓްބޯޅަ މުބާރާތް އަންނަ ޖޫން މަހުގެ 9ވަނަ ދުވަހު ފެށުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން ވަނީ ތައްޔާރުވެއްޖެއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ މުބާރާތް ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަންތައް ހިމެނޭ ގޮތަށް ޖުމްލަ ތިން ކެޓެގަރީއަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނާއި އަންހެން ޑިވިޝަނުގައި ބައިވެރިވާ ޓީމުތަކުން 2،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭއިރު، ފިރިހެން ދެވަނަ ޑިވިޝަނުގެ ޓީމުތަކަށް ކަނޑައަޅާފައިވާ ފީއަކީ 1،500 ރުފިޔާއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 2ވަނަ ދުވަހުގެ ހަވީރު 16:00އާ ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްގައި ވެސް މަދުވެގެން 4 ކުޅުންތެރިން ހިމަނަން ޖެހެއެވެ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގައި އެންމެ ފަހުން ބޭއްވި ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު 3 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، ކޮންމެ ޓީމަކަށް ވެސް އެ އޮފީހެއްގައި ވަޒީފާ އަދާނުކުރާ އެއް ކުޅުންތެރިއަކު ހިމެނުމުގެ ހުއްދަ ލިބޭއިރު، ބާކީ ތިބި ހުރިހާ ކުޅުންތެރިންނަކީ އެ އޮފީހެއްގެ ރަސްމީ މުވައްޒަފުންނަށް ވާންޖެހެއެވެ. އަދި ޓީމުގައި ބިދޭސީ ކުޅުންތެރިއަކު ނުވަތަ ކޯޗަކު ހިމަނާ ނަމަ، މުބާރާތް ފެށުމުގެ ކުރިން އެ ފަރާތެއްގެ ވޯކް ޕާމިޓް އެސޯސިއޭޝަނަށް ހުށަހަޅަންޖެހެއެވެ.
މުބާރާތުގައި ރަސްމީކޮށް ބައިވެރިވެވުނު ކަމަށް ބެލެވޭނީ ރެޖިސްޓްރޭޝަން ފީ ދެއްކުމަށް ފަހު، އެސޯސިއޭޝަނަށް ޕޭމަންޓް ސްލިޕް ފޮނުވުމުންނެވެ. މުބާރާތުގެ ގުރުއަތުލުން ބާއްވައި، ޝެޑިއުލް އާންމުކުރުމަށް ފަހު އެއްވެސް ޓީމެއް މުބާރާތުން ވަކިވެއްޖެނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި މުބާރާތުގެ އެއްވެސް މެޗަކަށް ޓީމެއް ހާޒިރުނުވެއްޖެ ނަމަ، 10،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެމްބީއޭއިން ބުނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.