ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރިލޭގެ ޗެމްޕިއަންކަން "ސާއިދު ސްޕޯޓްސް ސޮރު"އަށް!

ޝެއާ ކުރޭ Facebook Telegram Viber X

ބައިނަލްއަގުވާމީ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، ފިޒިއޯ ސޮލިއުޝަންސްގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި "ޕީއެސް ރިލޭ"ގެ ޗެމްޕިއަންކަން "ސާއިދު ސްޕޯޓްސް ސޮރު"ޓީމުން ކާމިޔާބުކޮށްފިއެވެ. 

ސަތޭކަ ދުވުންތެރިންނާއެކު ކުރިއަށްދިޔަ މި ރިލޭގެ އެއްވަނަ ހޯދި "ސާއިދު ސްޕޯޓްސް ސޮރު"އަށް ވަނީ 15،000ރުފިޔާގެ ފައިސާގެ އިނާމަކާއި، ޗެމްޕިއަން ޓްރޮފީ އަދި މެޑަލް ދީފައެވެ. 

މުބާރާތުގެ އެންމެ ބާރަށް ދުވި ފިރިހެން އެތުލީޓަކަށް ސަންތޯޝް ބިކްރަމް ބިސްޓް ހޮވުނުއިރު، އެންމެ ބާރު އަންހެން ދުވުންތެރިޔާގެ ޝަރަފު ހޯދީ ފަސޫހާ އަހުމަދެވެ. މިއިން ކޮންމެ ބައިވެރިއަކަށްވެސް 2،500ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއްގެ އިތުރުން މެޑަލް ވަނީ ހަވާލުކޮށްފައެވެ. 

މީގެ އިތުރުން، ދުވުމުގައި ބައިވެރިވި އެންމެ ހަގު ކުއްޖާ ކަމުގައިވާ އުމުރުން ހަ އަހަރުގެ އަޒްކާ އިސްމާއީލް އަހުމަދާއި، އެންމެ ދޮށީ ބައިވެރިޔާ މޫމިނާ މުޙައްމަދުގެ ބައިވެރިވުން ފާހަގަކޮށް އެ ދެ ފަރާތަށް ވަނީ ޚާއްސަ ޓްރޮފީއެއް ދީފައެވެ. ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމުތައް ބައްސަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ތިން ފަހަރެއްގެ މަތިން އޮލިމްޕިކްސްގައި ވާދަކުރައްވާފައިވާ ރާއްޖޭގެ ކުރީގެ މަޝްހޫރު ބާރު ދުވުންތެރިޔާ އަހުމަދު ޝަފީޢުއެވެ. 

އެންމެ ފުރަތަމަ 2024ވަނަ އަހަރު ނ. ހޮޅުދޫގައި ބޭއްވި ޕީއެސް ރިލޭއަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ފިޒިއޯ ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ބާޤިރު ވިދާޅުވީ، ކުރިއަށް އޮތް ތިންވަނަ މުބާރާތް މިއަށްވުރެ ކުލަގަދަކޮށް އަދި ފުޅާކޮށް ބޭއްވުމަށް އެ ފަރާތުން މަސައްކަތްކުރައްވާނެ ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު