ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިވެހި ކުޅިވަރުގެ ހަގީގަތްތައް ހާމަކޮށް ކުޑަ ހުސައިންގެ އައު ފޮތްތަކެއް

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ކުޅިވަރުގެ ދާއިރާގައި 40އަށް ވުރެ ގިނަ އަހަރު ހޭދަކުރައްވާފައިވާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން)، ރާއްޖޭގެ ކުޅިވަރުގެ ނިޒާމުގައި ހުރި ނޭދެވޭ ކަންކަމާއި ހުރަސްތަކުގެ މައްޗަށް ބިނާކޮށް "ރީ ތިންކިން މޯލްޑިވިއަން ސްޕޯޓްސް"ގެ ނަމުގައި އާ ފޮތެއް ނެރެފިއެވެ.

މެލޭޝިއާގެ އިޕްސީ ޔުނިވަސީޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އުމުރުން 58އަހަރުގެ ހުސައިން ނެރުއްވި މި ފޮތަކީ، އިލްމީ ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް، ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިސޯރުވުމާއި ޓްރާންސްޕޭރެންސީ ނެތް މައްސަލަތައް ތިލަކޮށްދޭ ތޫނު ލިޔުމެކެވެ.

މީގެ ކުރިން ވެސް ފަސް ފޮތެއް ލިޔުއްވާފައިވާ ހުސައިން މިފަހަރު އެކުއެކީގައި ތިން ފޮތެއް ނެރުއްވިއިރު، މިއީ ދިވެހި ކުޅިވަރާ ބެހޭގޮތުން އޭނާ ޝާއިއުކުރެއްވި ފުރަތަމަ ފޮތެވެ. އޭނާގެ ދިރިއުޅުން ބައްޓަންވީ ކުޅިވަރުގެ ތެރެއިން ކަމަށްވާއިރު، ކުރިއަށް އޮތް 10އަހަރު ވެސް ހޭދަކުރައްވާނީ ދިރާސާކުރުމާއި ކިޔަވައިދިނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން 10އަހަރު ދުވުމުގައާއި، 10އަހަރު ކިޔެވުމުގައާއި، 10އަހަރު ގައުމީ ހިދުމަތުގައާއި އަދި 10އަހަރު އެކަޑަމީ ހިންގުމުގައި ހޭދަކުރެއްވުމަށް ފަހު، މިހާރު އޭނާ ހުންނެވީ ރާއްޖޭގެ ކުޅިވަރާ ބެހޭ އިތުރު ފޮތެއްގެ މަސައްކަތުގައެވެ.

މި ފޮތުގައި ހުސައިން ބޮޑަށް އަލިއަޅުވާލާފައި ވަނީ ރާއްޖޭގެ "ކުޅިވަރުގެ ބައްޕަ"މަރްހޫމް ޒާހިރު ނަސީރު ގެންގުޅުއްވި ހަރުދަނާ އުސޫލުތަކަށެވެ. ގަޑިއަށް ފަރުވާތެރިވުމާއި، އަހުލާގާއި، ސާފުތާހިރުކަމުގެ އިތުރުން ދުންފަތާއި މަސްތުވާތަކެއްޗާ ދުރުހެލި ޒުވާން ޖީލެއް ބިނާކުރަން ޒާހިރު ނަސީރު އެޅުއްވި ބިންގަލަކީ ނަމޫނާއެއް ކަމަށް ފޮތުގައިވެއެވެ. ޒާހިރު ނަސީރާ ބެހޭ ބާބު ނިންމާލަމުން ހުސައިން ލިޔުއްވާފައިވެއެވެ.

"ޒާހިރު ނަޞީރުގެ މުޙިއްމުކަން ގުޅިފައިވަނީ މާޒީގެ ހަނދާންތަކަށް ވުރެ ބޮޑަށް، އެ މަނިކުފާނުގެ ނިޒާމުން ހާމަކޮށްދިން އުސޫލުތަކާ އެވެ. އެ ނިޒާމުގައި އަހްލާގީ މިންގަނޑުތަކާއި ކަރާމާތާއި ހަމަހަމަކަމާ އެކު ޒިންމާ އަދާކުރުމާ އަދި އުއްމީދުތަކާއި ކެތްތެރިކަން ވަނީ އެކުލެވިގެންނެވެ. ވަސީލަތްތައް މަދުވުމަކީ ފުޅާ ދާއިރާއެއްގައި ބައިވެރިވުން އިތުރުކުރުމަށާއި ސީރިއަސް އިންތިޒާމުތަކެއް ހަމަޖެއްސުމަށް އޮތް ހުރަހަކަށް ނުވިއެވެ"

ސްކޫލް ކުޅިވަރުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވަމުން ހުސައިން ވިދާޅުވީ، ސްކޫލްތަކުގައި ކުޅިވަރަށް ދޭ ސަމާލުކަން ކުޑަވުމުން އެސޯސިއޭޝަންތަކަށް ކުރިއަރަން އޮންނަ މަގު ހަނިވާ ކަމަށެވެ. އަދި ކޯޗުންގެ ކިބައިގައި އެކަށީގެންވާ އިލްމާއި ފެންވަރު ނެތުމުގެ ސަބަބުން އެތުލީޓުންނަށް އަނިޔާވެ، ކުޅިވަރު ދޫކޮށްލާ މިންވަރު އިތުރުވާކަން ފޮތުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ކުޅިވަރަކީ "އަމާނާތެއް"ގެ ގޮތުގައި ނުދެކި  އެއީ އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ބަލަން ފެށުމުން ނިޒާމު ހަލާކުވެގެންދާ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެއެވެ.

ކުރީގެ ހަތަރު ރައީސުންނަށް ވެސް ހަދިޔާކުރައްވާފައިވާ މި ފޮތުގައި، ސަރުކާރުތަކުން ގެންގުޅޭ ކުޅިވަރު ސިޔާސަތުތަކަށް ވެސް ފާޑުކިޔާފައިވެއެވެ. ވަކި ސަރުކާރަކަށް އަމާޒުނުކޮށް، ސިސްޓަމްގައި ހުރި މައްސަލަތަކަށް ބަލާއިރު، ކޮންމެ އާ ސަރުކާރަކާ އެކު ޕްލޭންތައް ބަދަލުވުމަކީ ކުޅިވަރުގެ މިސްރާބު ގެއްލޭ ކަމެއް ކަމަށް ހުސައިން ވިދާޅުވެއެވެ. "ރީ ތިންކިން މޯލްޑިވިއަން ސްޕޯޓްސް"އަކީ ހަމައެކަނި މައްސަލަތައް ދައްކައިދޭ ފޮތެއް ނޫން ކަމަށާއި، މިއީ މުޅި ނިޒާމު އަލުން ތަރުތީބުކޮށް ކުޅިވަރުގެ ކުރިމަގު ސަލާމަތްކުރަން ދީފައިވާ ވަރުގަދަ އިންޒާރެއް ކަމަށް އޭނާ ފާހަގަކުރައްވައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު